އަންނަ ބަރަކާތްތެރި ރަމަޟާން މަހުގެ ޢުމްރާގެ އަޅުކަމަށް ޚާއްޞަކޮށްގެން، އައްޑޫ ސިޓީ ގަމުން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް ސީދާ ފްލައިޓްތައް ބޭއްވުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ. މިއީ އައްޑޫ ސިޓީއާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން މާލެ ދާންނުޖެހި، ފަސޭހަކަމާއެކު ޢުމްރާއަށް ދެވޭނެ އިންތިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ފަހިކޮށްދިނުމަށް އެ ކޯޕަރޭޝަނުން ނިންމި މުހިންމު ނިންމުމެކެވެ.
ޤައުމީ އެއާލައިން މޯލްޑިވިއަންގެ ވައިޑް-ބޮޑީ އޮޕަރޭޝަންތަކާއެކު އިންތިޒާމުކުރާ މި ދަތުރުތަކުގެ ތެރެއިން، ރަމަޟާން މަހުގެ ފަހު 15 އަށް ޚާއްޞަ ފްލައިޓް ފުރާނީ ފެބުރުއަރީ 20 ވަނަ ދުވަހުއެވެ. އެ ކޯޕަރޭޝަނުން ވަނީ ފަހު ފަނަރަ ޢުމްރާ ޕެކޭޖުގެ އަގަކީ 48،965 ރުފިޔާ އަދި މުޅި ރަމަޟާން ޢުމްރާ ޕެކޭޖުގެ އަގަކީ 54،965 ރުފިޔާ ކަމަށް ކަނޑައަޅައި، "ފަހެލި" ޕޯޓަލް އަދި ވެބްސައިޓް މެދުވެރިކޮށް ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މި ޕެކޭޖުތަކުގެ ދަށުން ދިވެހި ޑޮކްޓަރުންނާއި ނަރުހުންގެ ކްލިނިކް ޚިދުމަތާއި، ފާމަސީ، ހިލޭ ވެކްސިން، މަދީނާއަށް ދިއުމަށް ހައިސްޕީޑް ރޭލު، ދިވެހި ކެއުން އަދި ލޮކޭޝަން ޓްރެކިން ޑިވައިސް ފަދަ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ޙައްޖު ކޯޕަރޭޝަންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ރަމަޟާން މަހުގެ އިތުރުން ޖުލައި އަދި ޑިސެމްބަރު މަހު ގަމުން ޖިއްދާއަށް ސީދާ ޢުމްރާ ދަތުރުތައް ކުރިއަށްގެންދިއުމެވެ.





