ސިއްހީ ދާއިރާގެ މިސްރާބު ހުރީ އިސްރަށްވެހިންނަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށް: ފަސްޓް ލޭޑީ

ރާއްޖޭގެ ސިއްހީ ދާއިރާގެ މުސްތަގުބލު ބައްޓަންވަމުން ދަނީ އިސްރަށްވެހިންނަށް ދުޅަހެޔޮ، އުފާވެރި އަދި ފާގަތި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމުގެ މަތިވެރި އަމާޒަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ކުރިއަށްގެންދިޔަ "އިސްރަށްވެހިންގެ ސައްލާ" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވިދާޅުވީ، ނަފުސާނީ ދުޅަހެޔޮކަމަކީ ކޮންމެ އިންސާނަކަށްވެސް ނުހަނު ބޭނުންތެރި ކަމެއް ކަމަށާއި، ވަކިން ހާއްސަކޮށް މުޖުތަމައުގައި ތިއްބެވި އިސްރަށްވެހިންގެ ނަފުސާނީ އަދިޖިސްމާނީ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. އަދި އިސްރަށްވެހިންނަކީ ގައުމުގެ އެންމެ ގަދަރުވެރި އަދި އިއްޒަތްތެރި ފަރާތްތައް ކަން ފާހަގަކުރައްވަމުން، މިއަދު މި ގައުމު ދެކެމުންމިދާ ތަރައްގީއާއި ހަމަޖެހުމުގެ ބިންގާ އަޅައިދީ، ގައުމަށްޓަކައި އަގުނުކުރެވޭ ފަދަ ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގެންނެވި ބޭފުޅުންނަކީ އެމަނިކުފާނުން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މީގެއިތުރުން، އިސްރަށްވެހިންނަކީ ގައުމުގެ ހަރުދަނާ ތަނބުތައްކަން ހަނދާންކޮށްދެއްވަމުން، އެ މީހުންނަށް ލޯތްބާއި ކަމޭހިތުމާއެކު އަޅައިލުމަކީ މާތްވެގެންވާ އިސްލާމްދީނުގައި ވެސް ނުހަނު ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއް ކަމަށް ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި، އިސްރަށްވެހިންނަށް އުފާވެރިކަމާއި ހިނިތުންވުން ލިބިފައިވާ އަދި ދުޅަހެޔޮ ހަޔާތެއް ފަހިވެފައިވާ ތަހުޒީބު މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން އިސްކަމެއްދީގެން މަސައްކަތްކުރަމުންދާކަން ހާމަކުރެއްވިއެވެ.

އެގޮތުން، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްރަށްވެހިންގެ މަރުކަޒުތައް ގާއިމުކުރެވެމުންދާކަން ފާހަގަކުރައްވަމުން، އެ މަރުކަޒުތަކުގެ ސަބަބުން އެފަރާތްތަކުގެ އެކަނިވެރިކަން ފިލައި، ހިތްހަމަޖެހޭ ފަދަ އަގުހުރި އެތައް ހަރަކާތްތަކެއް ހިންގުމުގެ ފުރުސަތު ލިބިގެންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ކުރިމަގުގައި މިފަދަ މަރުކަޒުތަކުގެ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށާއި، "އިސްރަށްވެހިންގެ ސައްލާ" ފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭގޭ ހޭލުންތެރިކަން އިތުރުވެ، އެކަކު އަނެކަކާ ހިޔާލު ބަދަލުކޮށް ގޮންޖެހުންތަކުން އަރައިގަތުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ވެސް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް