ސަރުކާރުގެ އަމާޒަކީ ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބޭނުންވާ ނިޒާމުތައް ހަރުދަނާކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން މީސްމީޑިޔާ މަންސަތަކުގައި ޝާއިއުކުރެއްވި މެސެޖުގައެވެ. އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހުގައި، އޯގާތެރި، މީހުންނަށް ވާސިލުވެވޭ އަދި އަދުލުވެރި ނަފުސާނީ ދުޅަހެޔޮކަމުގެ ނިޒާމެއް ބިނާކުރެއްވުމުގެ އަޒުމު އައުކުރައްވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ނަފުސާނީ ދުޅަހެޔޮކަމުގެ ނިޒާމު ބިނާކުރައްވާނީ އެ ނިޒާމުން ހިދުމަތްކުރާ މީހުންގެ ދިރިއުޅުމުގެ ތަޖުރިބާއާއި އަޑުތަކަށް ރިއާޔަތްކުރައްވައިގެންނެވެ. އަދި އެ ނިޒާމުވާނީ ދިވެހި ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ނިޒާމަކަށް ކަމުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި އަޒުމު ހާސިލުކުރެއްވުމުގެ މަސައްކަތްކުރައްވަނީ 2025 ވަނަ އަހަރުން 2029 ވަނަ އަހަރަށް އަމަލުކުރުމަށް އެކުލަވައިލާފައިވާ ނަފުސާނީ ދުޅަހެޔޮކަމުގެ އިސްތިރާޖީ އަމަލީ ޕްލޭނާ އެއްގޮތަށް ކަމަށެވެ. އަދި ސަރުކާރުން އަންނަނީ ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނެވުމާއެކު، ސިޔާސަތުތައް އެކުލަވައިލެއްވުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި މި މަސައްކަތުގެ ތެރޭގައި ނަފުސާނީ ދުޅަހެޔޮކަމާ ބެހޭ ގައުމީ ސިޔާސަތު އެކަށައެޅުމާއި، ނަފުސާނީ ދުޅަހެޔޮކަމާ ބެހޭ ޝާމިލު ގާނޫނެއް އެކުލަވައިލުން ހިމެނެއެވެ. އަދި އަސާސީ ސިއްހީ ހިދުމަތުގެ ނިޒާމުގެ ތެރެއަށް ނަފުސާނީ ފަރުވާ ލާމެހެލެއްވުމުގެ ތެރެއިން ނަފުސާނީ ފަރުވާއަށް ވާސިލުވެވޭ މިންވަރު އިތުރުކުރެއްވުމަކީ ސަރުކާރުން ކުރަމުންދާ މުހިއްމު މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން ސަރަހައްދީ ހޮސްޕިޓާތަކުން ލިބޭ ސްޕެޝިއަލިޓީ ހިދުމަތްތައް ވަރުގަދަކުރެއްވުމާއެކު، ދުރުން ދޭ ސިއްހީ ހިދުމަތް ހަރުދަނާކުރެއްވުމާއެކު، ކާރިސާތަކާ ކުރިމަތިލުމުގެ ނިޒާމު މިހާރަށްވުރެ ވަރުގަދަކުރެއްވުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމުގައި އެމަނިިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ނަފުސާނީ ބަލިތަކުން މީހުން ރައްކާތެރިކުރުމާއެކު، ބޭނުންވާ ހާލަތުގައި ރަނގަޅު ފެންވަރުގެ ސިއްހީ ފަރުވާއަށް ވާސިލުވެވޭކަން ކަށަވަރުކުރެއްވުމާއެކު، މިހާރަށްވުރެ އޯގާތެރި އަޅައިލާ ރައްޖެއެއް ކޮންމެ ރަށެއްގައި، ކޮންމެ މުޖުތަމައެއްގައި، އިހުލާސްތެރި ހުޅުވާލެވިފައިވާ މަޝްވަރާގެ ތެރެއިން ބިނާކުރެއްވުމެވެ.




