ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި މިދިޔަ އަންގާރަ ދުވަހު އަތުލައިގަތް މި ތަކެއްޗަކީ އިންޑިއާއިން އައި އިންޑިއާގެ ދެ ފަސިންޖަރުންގެ ލަގެޖުގައި ފޮރުވައިގެން ގެނެސްފައިވާ 3345 ގްރާމްގެ ކެނެބިސްއެވެ.
މީގެއިތުރުން، މި މަހުގެ 6 ވަނަ ދުވަހު އިންޑިއާއިން އައި މީހެއްގެ އަތުން 440 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، އަންގާރަ ދުވަހު ހުޅުމާލެ ފޭސް 2 އިން ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖާއި ފައިސާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއާއި ފުލުހުން ގުޅިގެން ސެކިއުރިޓީ ވަރުގަދަކޮށް، ސަރަހައްދީ އިދާރާތަކާއެކު މައުލޫމާތު ބަދަލުކުރަމުންދާ ކަމަށް އިދާރާތަކުން ބުނެއެވެ.





