ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަން ނިމުމަކަށް އަންނަން މެދުވެރިވި މައިގަނޑު ސަބަބަކީ އެމަނިކުފާނުގެ ކިބައިގައި ހުރި ބޮޑާކަމާއި، އަނިޔާވެރިކަމުގެ އިތުރުން އަނބިކަނބަލުންގެ ނުފޫޒުގެ ދަށުވުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެމަނިކުފާނަށް ވަރަށް ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފިއެވެ.
ވެރިކަންކުރާ ޕީއެންސީގެ މައި ހަރުގޭގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، މަޖިލީހުގެ މެންބަރު އިބްރާހީމް ފަލާޙު އަދި އެމަނިކުފާނުގެ ވެރިކަން ނިމިފައިނުވާ ކަމަށާއި، ހަގީގަތުގައި ވެރިކަން ގެއްލި ނިމިގެންދިޔައީ ރައީސް ޔާމީނުގެ ކަމަށެވެ.
ޔާމީނުގެ ވެރިކަން ބަދަލުވާން ދިމާވި ސަބަބުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެ ވެރިކަން ނިމުނީ އަދުލުއިންސާފު ގާއިމުނުކުރުމާއި، ރައްޔިތުންގެ މައްޗަށް އަނިޔާވެރިވުމާއި، ދައުލަތުގެ ބައިތުލްމާލަށް ހިޔާނާތްތެރިވެ ދިރުވާލުމުގެ ސަބަބުން ކަމަށެވެ. އަދި ކިބުރުވެރިކަމާއި، ބަސްނޭހުމުގެ އާދައިގެ އިތުރުން އާއިލީ ނުފޫޒާއި އަނބިކަނބަލުންގެ ދަށުވުމަކީވެސް އެމަނިކުފާނުގެ ވެރިކަން ވެއްޓެން މެދުވެރިވި މައިގަނޑު ސަބަބުތައް ކަމުގައި އަބްދުއްރަހީމް ސިފަކުރެއްވިއެވެ.
މި ފަހުން ބޭއްވި ޖަލްސާއެއްގައި ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، މިހާރުގެ ސަރުކާރުގެ އެއްވެސް ބޭފުޅަކު ދެން އެމަނިކުފާނުގެ ވެރިކަމަކަށް ބަލައިނުގަންނާނެ ކަމަށް ވިދާޅުވި ނަމަވެސް، މިއަދު ރައީސް ޔާމީންގެ ސަރުކާރެއް ނެތް ކަމަށާއި ދިވެހި ރައްޔިތުން ވެސް އެމަނިކުފާނު ބަލައިނުގަންނަ ކަމަށެވެ.
ހަމައެއާއެކު، އަބްދުއްރަހީމާއި ފަލާހަށް ވޯޓުދޭނެ ބަޔަކު ނުތިބޭނެ ކަމަށް ޔާމީން ވިދާޅުވި ވާހަކައަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ، މިއަދު އެ ބޭފުޅުން ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވީ ރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތުން ވޯޓު ދެއްވައިގެން ކަމަށާއި، ރައީސް ޔާމީނަށް ސިޔާސީ މައިދާނުން އެކަހެރިވެ ގޭގައި އިންނަވަން ޖެހިވަޑައިގަތީ ރައްޔިތުން އެމަނިކުފާނަށް ވޯޓު ނުދީ ދުރުކޮށްލުމުން ކަމަށެވެ.





