ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ކައުންސިލްތަކަށް މުވައްޒަފުން ނަގަންވާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ލިޔުމުން ލިބޭ ހުއްދައާއެކު ކަމަށް އެ އިދާރާއިން ކައުންސިލުތަކަށް އަންގަން ފަށައިފިއެވެ.
އެލްޖީއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ނިމާލު ސޮއިކުރައްވައި ފޮނުއްވި ސިޓީގައިވާ ގޮތުން، ދައުލަތުގެ ބަޖެޓުންނާއި ކައުންސިލުގެ އާމްދަނީން ހަރަދުވާ ގޮތަށްވެސް މުވައްޒަފުން ނެގޭނީ އެ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެންނެވެ.
މި ނިންމުމުގެ ދަށުން ކައުންސިލްތަކުގައި އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަގާމުތަކުގެ އިތުރުން، ވަގުތީ ބޭނުންތަކަށާއި މަޝްރޫއުތަކަށް ކޮންޓްރެކްޓް، ވޭޖް އަދި ކޮންސަލްޓަންސީ އުސޫލުން މީހުން ނެގުމަށް އިއުލާންކުރަން ވާނީވެސް އެލްޖީއޭގެ ހުއްދަ ހޯދުމަށްފަހުގައެވެ.
އަދި އިއްޔެއިން ފެށިގެން އެ ނޫން ގޮތަކަށް މުވައްޒަފުން ވަޒީފާއަށް ނުނެގުމަށް އެލްޖީއޭއިން ވަނީ އަންގާފައެވެ.




