މާލެ ސަރަހައްދުން މިދިޔަ ހަފުތާގައި ހިމަބިހި ޖެހުނު އިތުރު ނުވަ މީހަކު ފެނި، މިއަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 252 އަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މެއި މަހުން ފެށިގެން ރާއްޖެއިން އަންނަނީ ހިމަބިހީގެ ކޭސްތައް ފެންނަމުންނެވެ.
މި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މުޅި ރާއްޖޭގައި ފެށި އެމްއާރް ވެކްސިން ޕްރޮގްރާމްގެ ދަށުން މިހާތަނަށް 16,216 މީހަކަށް ވަނީ ވެކްސިން ދީފައެވެ. މީސްލްސް ވައިރަސްގެ ސަބަބުން ޖެހޭ މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުންއައުން، ނޭފަތުން ފެންއައުން، ކިނބިހިއެޅުން، ކެއްސުން، ކަރުތެރެ ފާރުވުން، ވަރުބަލިވުން، ގައިގައި ނުވަތަ މަސްތަކުގައި ރިހުން އަދި ކާހިތްނުވުން ހިމެނެއެވެ.
ސިއްހީ މާހިރުން އަންނަނީ ހުންއައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އިރުޝާދު ދެއްވަމުންނެވެ.



