އެސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން ދާނިޝް މުހައްމަދު އަމީން މިއަދު އިސްތިއުފާދެއްވައިފިއެވެ. ދާނިޝް އިސްތިއުފާ ދެއްވިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ކަށަވަރުކޮށްދީފައެވެ.
ދާނިޝް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ހާމަކޮށްފައި ނުވި ނަމަވެސް، އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެން އެސްޓީއޯއިން ވަނީ ކުންފުނީގެ ބޯޑުގައި އޭނާ ހޭދަކުރެއްވި މުއްދަތުގައި ކޮށްދެއްވި ހިދުމަތްތަކަށާއި ދެއްވި އެއްބާރުލުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ޝުކުރު އަދާކޮށްފައެވެ. ދާނިޝްއަކީ ފަތުރުވެރިކަމާ ބެހޭ ވަޒީރު މުހައްމަދު އަމީންގެ ދަރިކަލުންނެވެ.
އެސްޓީއޯއިން ބުނި ގޮތުގައި، ބޯޑުން ހުސްވި މަގާމަށް އާ މެންބަރަކު އައްޔަންކުރުމުގެ މަސައްކަތް، ކަމާބެހޭ ގާނޫނުތަކާއި ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދާނެއެވެ.



