ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށުގެ އާބާދީއާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކަށް ސައްހަނޫން މައުލޫމާތު ހިއްސާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެ ސިޓީގެ މޭޔަރު ސަޢުދު އަލީގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ފޮނުވައިފިއެވެ.
ޕީޖީ އޮފީހުން ސަޢުދުގެ މައްޗަށް އުފުލާފައިވާ ފުރަތަމަ ދައުވާއަކީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ ސިޓީއެއްގެ ދަރަޖަ ލިބުމަށް ބޭނުންވާ 10,000 މީހުންގެ އާބާދީ ހަމަވާކަން ދެއްކުމަށް، މަރުވެފައިވާ މީހުންނާއި އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުން ހިމަނައިގެން 10,150 މީހުންގެ ސައްހަނޫން ލިސްޓެއް އެލްޖީއޭއަށް ފޮނުވާފައިވާތީއެވެ. މި ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.
ދެވަނަ ދައުވާއަކީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ ކޮށްފައިވަނީ މައްސަލައިގެ ތަހުގީގަށް ފުލުހުން އެ އާބާދީ ލިސްޓުތަކަށް އެދުމުން، އެފަދަ ލިސްޓެއް ދައުލަތުގެ އިދާރާއަކަށް ފޮނުވިކަން ރެކޯޑު ކުރެވިފައިނުވާ ކަމަށް ބުނެ ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީއެވެ. މި ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.




