ހުޅުމާލޭގައި އިމާރާތަކުން ވެއްޓުނު ތުއްތު ކުއްޖަކާއި މަގުމަތީ އެކްސިޑެންޓެއްގައި ޒަޚަމްވި ކުއްޖަކު ނިޔާވުމާއި ގުޅިގެން މަގުމައްޗާއި އުސް އިމާރާތްތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ޚާއްޞަ އިސްކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ނިޔާވި މި ދެ ކުދިންގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، އެ ކުދިންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރައްވަމުން، މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަނުދިނުމަށްޓަކައި ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަކީ މުޅި މުޖުތަމަޢު ގުޅިގެން ކުރަންޖެހޭ ޤައުމީ އަދި އިންސާނީ މަސައްކަތެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ޚާއްޞަކޮށް އުސް އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނި އަދި ރެއިލިންގ ފަދަ ތަންތަނުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މުހިންމުކަން ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ. އަދި ތުއްތު ކުދިންނާއި، ނަފްސާނީ ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބެލެހެއްޓުމުގައި އިމާރާތްތައް ބަލަހައްޓާ ފަރާތްތަކާއި ޢާއިލާތައް ގުޅިގެން ޒިންމާދާރުކަމާއެކު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ސަރުކާރާއި ކުންފުނިތަކާއި މަދަނީ ޖަމުޢިއްޔާތަކުގެ އިތުރުން އެންމެހައި ފަރުދުން ގުޅިގެން، މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތްތެރިކަން ޔަޤީންކޮށް، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ރައީސް ވަނީ އަސަރުގަދަ އިލްތިމާސެއް ކުރައްވާފައެވެ.
މި އިލްތިމާސް ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވަނީ ހުޅުމާލޭގެ ހިޔާ ފްލެޓްގެ 14 ވަނަ ބުރިން ތުއްތު ކުއްޖަކު ވެއްޓި ހިނގި ނުރައްކާތެރި ހާދިސާއާއި، މަގުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދެމުންދަނިކޮށް ނިޔާވި ހާދިސާއާ ގުޅިގެންނެވެ.
މި ދެ ހާދިސާއާ ގުޅިގެން މުޅި މުޖުތަމަޢުގައި ވަނީ ބޮޑު ސިއްސައިގެން ދިއުމަކާއި ހިތާމައެއް އުފެދިފައެވެ.




