ހުއްދަ ނުނަގައި ކަޅުބާޒާރުގައި ބޮޑު އަގުގައި ޑޮލަރު މާރުކުރުމަކީ ގާނޫނީގޮތުން ޖިނާއީ ކުށެއް ކަމަށާއި، އެފަދަ ފަރާތްތަކާ ދެކޮޅަށް ގާނޫނު ތަންފީޒުކުރަން ފަށާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިއީ އާދައިގެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކުނު ނަމަވެސް، އަމިއްލަ މުސާރައަށް ލިބޭ ޑޮލަރު ހުއްދަނެތި ކަޅުބާޒާރުގައި މާރުކުރާ ވަކިވަކި ފަރުދުންވެސް މި ކުށުގެ ތެރޭގައި ހިމެނޭނެއެވެ. ބޭރު ފައިސާ މާރުކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލައިސެންސް ދީފައިވާ ތަންތަނުން އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓުގައެވެ.
ހުއްދަ އޮންނަ މަނީ އެކްސްޗޭންޖްތަކުންވެސް ކަނޑައެޅިފައިވާ ރޭޓަށްވުރެ ބޮޑުކޮށް މުއާމަލާތްކުރާނަމަ، ކޮންމެ މުއާމަލާތަކަށް 5 ލައްކައާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ޑޮލަރުގެ މާކެޓް އާދައިގެ ބާޒާރުގެ އުސޫލުތަކުން ބޭރުން މެނިޕިއުލޭޓްކޮށް ސިޔާސީ ބަޔަކު މަންފާ ހޯދަން އުޅޭތީ، މީގެކުރިން ތަންފީޒުނުކުރެވި އޮތް ގާނޫނުތައް މިހާރު ވަނީ ތަންފީޒުކުރަން ފަށާފައެވެ.



