ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ގޮތަށް އެއްވެސް ވަރަކަށް ޑޮލަރު މާރުނުކުރާ ދެ ރިސޯޓެއްގެ ނަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އާންމުކޮށްފިއެވެ. މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި ގާނޫނާ އެއްގޮތަށް އެއްވެސް ވަރަކަށް ޑޮލަރު މާރުނުކުރާ ދެ ރިސޯޓަކީ ލ. އަތޮޅުގައި ހިންގާ ރަހާ ރިސޯޓާއި އައްޑޫ ސިޓީގައި ހިންގާ ސައުތު ޕާމް ރިސޯޓް މޯލްޑިވްސްއެވެ.
އެމްއެމްއޭ އިން މިއަދު އާންމުކުރި ކޮމްޕްލަޔަންސް ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން 78 އިންސައްތަ ރިސޯޓުން އަންނަނީ ގާނޫނާ އެއްގޮތަށް ބޭރު ފައިސާ މާރުކުރުމުގެ ކަންކަން ފުރިހަމައަށް ކުރިއަށްގެންދަމުންނެވެ. ނަމަވެސް އެކަށީގެންވާ މިންވަރަށް ޑޮލަރު މާރުނުކުރަނީ 20 އިންސައްތަ ރިސޯޓުން ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، އެކި ސަބަބުތަކާ ހުރެ ލުއިތަކަށް އެދިފައިވަނީ 20 އިންސައްތަ ރިސޯޓުން ކަމަށްވެސް މަރުކަޒީ ބޭންކުން ބުނެއެވެ.
ބޭރު ފައިސާގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް ހުރިހާ ވިޔަފާރިތަކަކަށް އެމްއެމްއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިހާތަނަށް އެ އޮތޯރިޓީގައި ރަޖިސްޓްރީވެފައި ނުވާ ފަރާތްތަކަށް ރަޖިސްޓްރީވުމަށް ފަހު ފުރުސަތު ދޭނެކަންވެސް އެމްއެމްއޭ އިން ފާހަގަކުރިއެވެ.
މި ގާނޫނުގެ ދަށުން މާރުކުރެވޭ ބޭރު ފައިސާގެ ބޮޑު ބައެއް ބޭންކުތަކަށް ދޫކުރެވޭއިރު، މީގެ ސަބަބުން އާންމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.




