ވިޔަފާރިތަކުން ގަނޑުކޮށް ޕްލާސްޓިކް ކޮތަޅު ވިއްކާއިރު ނުވަތަ ކޮތަޅު ބޮނޑި ވިއްކާއިރު ފީ ނުނަގާ ގޮތަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފިއެވެ. މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އަމަލުކުރަން ފަށާފައެވެ.
މި ގެނެވުނު ބަދަލާއެކު، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ބޮނޑި ގަންނައިރު މީގެކުރިން ނަގަމުން އައި 2 ރުފިޔާގެ ފީ ދެން ދައްކާކަށް ނުޖެހޭނެއެވެ. މީގެކުރިން ގާނޫނު އޮތްގޮތުން ހޯލްސޭލްކޮށް ގަނޑުކޮށް ކޮތަޅު ގަންނަ ވިޔަފާރިވެރިންނާއި އާންމުންވެސް ކޮންމެ ކޮތަޅަކަށް 2 ރުފިޔާގެ ރޭޓުން ފީ ދައްކަންޖެހުމުގެ ސަބަބުން ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ކުރިމަތިވެފައެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނަށް މި އިސްލާހު ހުށަހެޅީ ކޮތަޅު ބޮނޑީގެ އަގު އިންތިހާއަށް ބޮޑުވެ، އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ކުރިމަތިވި މާލީ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމުގެ ބޭނުމުގައެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.
މި ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި ޑިއުޓީ ފްރީ ފިހާރަތަކުން ދޭ ކޮތަޅާއި، ބަންދުނުކޮށް ހުންނަ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ކޮތަޅުގެ އިތުރުން ކުނި އުކާލުމަށް ހާއްސަކޮށް ވިއްކާ ބިންލައިނާ ހިމެނެއެވެ. ގަނޑުކޮށް ވިއްކާ ކޮތަޅުން ފީ ކަނޑާލުމަށް ނިންމި ނިންމުމާއެކު ބާޒާރުގައި ކޮތަޅު ބޮނޑީގެ އަގުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.




