ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަ މެޖޯރިޓީ އޮތް ނަމަވެސް، މަޖިލީހުންނާއި ކޮމިޓީތަކުން ކަންކަން ނިންމަމުން ދަނީ ޑިމޮކްރެސީގެ ރީތި އުސޫލުތަކާ އެއްގޮތަށް، މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވައިގެން ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑް) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދިއުމާ ގުޅޭގޮތުން ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތައް ފިލުވައިދިނުމަށް ރެޔާއި ދުވާލު އިޚްލާޞްތެރިކަމާއެކު ބުރަކޮށް މަސައްކަތް ކުރަމުންދާ ސަރުކާރެއް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އުފާފާގަތި މުސްތަޤުބަލެއް ހޯދައިދިނުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ޝާހިދު ވިދާޅުވީ، މަޖިލީހަށް ހުށަހެޅޭ ޕެޓިޝަންތަކާއި އެނޫންވެސް މައްސަލަތައް ކޮމިޓީތަކުން ނިންމަނީ މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުން ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމުގައިވެސް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަބަދުވެސް އަންގަވަނީ ވަކި ގޮތަކަށް ވޯޓު ދިނުމަށް މަޖުބޫރު ކުރުމެއް ނެތި، ކޮންމެ މެންބަރަކަށްވެސް ފެނިވަޑައިގަންނަވާ ގޮތަކަށް މިނިވަންކަމާއެކު ވޯޓު ދެއްވުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން، މަޖިލީހުގެ ކޮމިޓީތަކުގައި މަސައްކަތްތައް ކުރިއަށްދާއިރު، ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މެންބަރުންނަށްވެސް ހަމަހަމަކަމާއެކު ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ލިބިގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ސަރުކާރު ހިންގާ ޕާޓީގެ ބޮޑު އަޣްލަބިއްޔަތެއް މަޖިލީހުގައި އޮތް ނަމަވެސް، ވަކި ގޮތަކަށް ކަންކަން ނިންމުމަށް މެންބަރުންނަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށާއި، ކޮންމެ ނިންމުމެއްވެސް ނިންމަނީ ގައުމާއި ރައްޔިތުންގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަށް ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާހިދު އިތުރަށް ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކައުންސިލްތައް ބާރުވެރިކޮށް، ރައްޔިތުންނާ ގާތުން ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މަޖިލީހަށް ހުށަހެޅޭ ކޮންމެ ބިލަކާއި އިސްލާހެއްވެސް ފާސްވެގެންދާނީ މެންބަރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ގިނަ މެންބަރުންނަށް އެންމެ ރަނގަޅު ކަމަށް ފެންނަ ގޮތެއްގެ މަތިން ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ގޮތަށް ބަލާއިރު، މެންބަރުންގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ ހައްގު ފުރިހަމައަށް ރައްކާތެރިކޮށްދީފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މަޖިލީހުގެ ރިޔާސަތުން ކަންކަން ކުރިއަށް ގެންދަނީ ގަވާއިދާ އެއްގޮތަށް، ހުރިހާ މެންބަރުންގެ ހައްގުތަކަށް އިހުތިރާމްކުރާ ފަދަ ޑިމޮކްރެޓިކް މާހައުލެއްގެ ތެރެއިން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.



