ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓް ބަހައްޓައިގެން، ފުޅާ ދާއިރާއެއްގައި ފެން އުފެއްދުމުގެ އައު މަޝްރޫއެއް ފެށުމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ތައްޔާރުވެއްޖެއެވެ. މި މަޝްރޫއުގެ ދަށުން ކަނޑުގެ ފުން ސަރަހައްދުތަކުގައި ހުންނަ ފިނި އަދި ސާފު ފެން ބޭނުންކޮށްގެން މީރުފެން އުފެއްދުމަށް ބޭނުންވާ ދިރާސާތަކާއި ތައްޔާރީތައް މިހާރު ވަނީ ފަށާފައެވެ.
މި ނިޒާމު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ އިރުމަތީ ފަރާތުގެ އައްސޭރިފަށުން ފެށިގެން ގާތްގަނޑަކަށް 1.5 ކިލޯމީޓަރު ދުރުގައެވެ. އެ ސަރަހައްދުން ކަނޑުގެ އަޑިއަށް 500 މީޓަރު ފުންމިނަށް ދެވޭއިރު، އެހާ ފުން ހިސާބުތަކުން ނަގާ ފެނަކީ އާންމުކޮށް ތިލަ ސަރަހައްދުތަކުން ނަގާ ލޮނުފެނާ އަޅާބަލާއިރު ލޮނުގެ މިންވަރު ނުވަތަ ސެލިނިޓީ ދަށް ފެނެކެވެ. މީގެ ސަބަބުން ފެން މީރުކުރުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.
ކަނޑު އަޑީގައި ފެން އުފައްދާ ނިޒާމެއް އޮޕަރޭޓުކުރުމުން އެއްގަމުން ބޮޑެތި ބިންތައް ހޯދަން ނުޖެހުމުގެ އިތުރުން، އާންމުކޮށް ބޭނުންކުރާ ފެން ޕްލާންޓްތަކަށްވުރެ ހަކަތަ ބޭނުންކުރާ މިންވަރު ކުޑަވެގެންދާނެއެވެ. މިއީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ފެން އުފެއްދުމަށް މަގުފަހިވެގެންދާނެ އިންގިލާބީ ބަދަލެކެވެ.
މި މަޝްރޫއުގެ ދިރާސާތައް ކުރުމަށް އެމްޑަބްލިޔުއެސްސީން ހަވާލުކޮށްފައިވަނީ ކަނޑު އަޑީގައި މީރުފެން އުފެއްދުމުގެ ނިޒާމުތައް ފަރުމާކުރުމުގެ ބޮޑު ތަޖުރިބާއެއް ލިބިފައިވާ ނޯވޭގެ ކުންފުންޏެއް ކަމަށްވާ ފްލޯޝަން އާއެވެ. އެ ކުންފުނިން ކުރިއަށްގެންދާ ދިރާސާގައި ރާއްޖޭގެ ދިޔަވަރާއި އޮޔާއި ރާޅުތަކަށް ބަލައި، އެންމެ އެކަށީގެންވާ ގޮތެއްގައި މި ނިޒާމު ހިންގާނެ ގޮތްތައް ދެނެގަންނާނެއެވެ.



