ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާގައި، ފޯމުގައިވާ މައުލޫމާތުގައި އެއްވެސް ފުށުއެރުމެއް ވާނަމަ އެކަން ހުށަހެޅި ފަރާތަށް ޕޯޓަލް މެދުވެރިކޮށް އަންގާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެވުޒާރާއިން މިހާރު ވަނީ މި ސްކީމަށް ހުށަހަޅާފައިވާ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ފަށާފައެވެ.
ފޯމުތަކުގެ ވެރިފިކޭޝަން ނުވަތަ ކްރޮސް ވެރިފިކޭޝަން މަރުހަލާ ކުރިއަށް ގެންދާއިރު، ހުށަހަޅާފައިވާ މައުލޫމާތުތަކާއި، ސަރުކާރުގެ އެހެނިހެން އިދާރާތަކާއި ކައުންސިލުތަކުން ލިބިފައިވާ މައުލޫމާތުތަކާ އަޅާކިޔާނެއެވެ. މި ގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން އެއްވެސް މައުލޫމާތެއްގައި ފުށުއެރުމެއް ނުވަތަ ސައްހަ ނޫން ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަން އިސްލާހު ކުރުމަށް ފޯމު ހުށަހެޅި ފަރާތަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.
މައުލޫމާތުތަކުގައި ފުށުއެރުމެއް ހުރިކަން ޕޯޓަލް މެދުވެރިކޮށް އެންގުމުން، އެ މައުލޫމާތެއް އަލުން ހުށަހަޅައި އިސްލާހު ކުރުމަށްޓަކައި ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް އެ ވުޒާރާއިން ވަނީ ހަމަޖައްސާފައެވެ. މި ފުރުސަތުގެ ބޭނުމަކީ ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ އެއްވެސް ރައްޔިތަކަށް މައުލޫމާތުގެ ކުށެއްގެ ސަބަބުން ހައްގު ގެއްލިގެން ނުދިއުން ކަމަށް އެ އިދާރާއިން ފާހަގަކުރެއްވިއެވެ.
މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް ބައިލައްކައަށްވުރެ ގިނަ ފޯމު ވަނީ ހުށަހަޅާފައެވެ. އެހެންކަމުން ހުރިހާ ފޯމުތަކެއްގެ މައުލޫމާތުތައް ރަނގަޅަށް ކަށަވަރުކޮށް، ދެފުށް ފެންނަ އުސޫލަކުން މި މަޝްރޫއުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސަރުކާރުން ދަނީ ހާއްސަ އިސްކަމެއް ދެމުންނެވެ.



