2
ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މާލެއާއި ވިލިމާލެ ގުޅުވައިދޭ އެންމެ ފަހު ސެގްމަންޓު ގުޅާލައި، ދެ ރަށް އެއްގަމު މަގުން މިއަދު ގުޅާލައިފިއެވެ. މިއީ މާލެ ސަރަހައްދުގެ ދަތުރުފަތުރާއި އިގްތިސާދީ ކުރިއެރުމަށް ހިންގާ އެންމެ ބިޔަ އުމްރާނީ މަޝްރޫއުގެ ދަށުން ހާސިލުކުރެވުނު މުހިންމު ކުރިއެރުމެކެވެ.
މާލެއާއި ވިލިމާލެ ގުޅާލުމަށްޓަކައި ކަނޑުގެ ސަރަހައްދުގައި ގާއިމުކުރި ތަނބުތަކުގެ މަތީގައި ސެގްމަންޓުތައް އެޅުމުގެ މަސައްކަތް ކުރަމުން އައިސް، ދެ ރަށް ގުޅުވައިދޭ ފަހު ސެގްމަންޓު ގުޅާލުމުގެ އަމަލީ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މި މަސައްކަތް ނިމުމާއެކު، މާލެއިން ފެށިގެން ވިލިމާލެއާ ހަމައަށް މިހާރު ވަނީ އެއްގަމު މަގުން ގުޅިފައެވެ.
މި މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ޖުމްލަ 6.7 ކިލޯމީޓަރުގެ ދިގު ބްރިޖަކާއި ކޯޒްވޭއެއް ދަނީ ބިނާކުރަމުންނެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ ނިންމުމަށް ހަމަޖެހިފައިވަނީ މާލެއާއި ވިލިމާލެ އަދި ގުޅިފަޅާ ހަމައަށް ގުޅާލުމުގެ ބައެވެ.
މި ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ ކުންފުނިން ކުރަމުންދާއިރު، މުޅި މަޝްރޫއުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. މާލެއާއި ވިލިމާލެ އެއްގަމު މަގުން ގުޅާލެވުމަކީ ބްރިޖުގެ މަސައްކަތް ތާވަލާ އެއްގޮތަށް ނިންމުމަށް ލިބުނު ބޮޑު ބާރެކެވެ.




