ރާއްޖޭގެ އެތެރޭގެ މުއާމަލާތްތަކުގައި ހަމައެކަނި ދިވެހި ރުފިޔާ ބޭނުންކުރަން ފަށައި އެކަން ތަންފީޒުކޮށްފިނަމަ، ޑޮލަރުގެ ތާށިކަމަށް ހައްލެއް ލިބިދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް، މި ސިޔާސަތު ކާމިޔާބުވާނީ އިގުތިސާދުގެ މެކްރޯ އަސާސްތައް ހިފެހެއްޓިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި، އިތުރުވާ ދިވެހި ރުފިޔާގެ ސަބަބުން ބޭރު ފައިސާއަށް އޮންނަ ޑިމާންޑު ބޮޑުވިޔަ ނުދިނުމަށް ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ކުޑަކުރުމާއި ފައިސާ ޗާޕުކުރުން ހުއްޓާލަންޖެހެއެވެ. މީގެއިތުރުން، އިގުތިސާދުގައި އިތުރުވެފައިވާ ފައިސާ އަނބުރާ ނަގައި ބޭރު ފައިސާގެ ސާފު ރިޒާވް އިތުރުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ބޮޑު އާމްދަނީ ރާއްޖެއަށް އެތެރެކުރުމުގެ ގަވާއިދުތައް ހަރުކަށިކޮށް ތަންފީޒުކުރުން ލާޒިމުވެއެވެ.
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވެފައި ޑޮލަރުގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ ތާރީޚީ މިންވަރަކަށް (23 ރުފިޔާއާ ގާތަށް) އުފުލިފައެވެ. މިކަން ހައްލުކުރުމަށްޓަކައި ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގަވާއިދަށް އިސްލާހު ހުށަހަޅާފައިވާއިރު، ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މީހުން 1 މިލިއަން ރުފިޔާއާ ހަމައަށް، އަދި ކަޅު ބާޒާރުގެ އަގުތައް ރިޕޯޓުކުރާ ފަރާތްތައް ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތް މަޖިލީހުން ދަނީ ކުރަމުންނެވެ.




