ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ފޯރުކޮށްދޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ އެހީތެރިކަން ހޯދަން ނިންމައިފިއެވެ.
މި މަސައްކަތުގެ ދަށުން އެންޑީއޭ އިން ވަނީ ޗައިނާގެ ޔުނާން ޔުނިވާސިޓީއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އެންޑީއޭ އިން ފޯރުކޮށްދޭ ރިހެބިލިޓޭޝަން ޚިދުމަތްތަކާއި ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކުގައި އޭއައި ޓެކްނޮލޮޖީ ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމުގައި އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ އިސްވެރިޔާ އަހުމަދު ސިއްދީގެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު، ޔުނާން ޔުނިވާސިޓީގެ ފަރާތުން ވަނީ ފަރުވާގެ ނިޒާމުގައި އޭއައި ބޭނުންކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން އެންޑީއޭގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ.
މި ޓެކްނޮލޮޖީގެ އެހީގައި ފަރުވާ ހޯދާ ފަރާތްތަކުގެ ހާލަތު ދެނެގަތުމާއި، އެހީތެރިކަން ފޯރުކޮށްދިނުން އިތުރަށް އަވަސްވެގެންދާނެއެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، އެންޑީއޭ އިން އަންނަނީ ފަރުވާގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަރުވާގެ ފެންވަރު މަތިކުރުމަކީ މި ވަބާއިން ސަލާމަތްވުމަށް ކުރެވޭ މަސައްކަތްތަކަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.


