ދިވެހިރާއްޖޭގައި މޯބައިލް ސިމް ކާޑު ދޫކުރުމުގެ އުސޫލުތައް ހަރުދަނާކުރުމުގެ ގޮތުން، ރާއްޖޭގައި މަސައްކަތްކުރާ އަންސްކިލްޑް ކޮންމެ ބިދޭސީއަކަށް ދޫކުރެވޭނީ ގިނަވެގެން އެންމެ ސިމް ކާޑެއް ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. މި ނިންމުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބިދޭސީއެއްގެ އަތުގައި އޮންނަ ސިމް ކާޑު ހަލާކުވެގެން ނުވަތަ ގެއްލިގެން ވެސް ދެން އިތުރު ސިމެއް ދޫކުރެވޭނީ ހާއްސަ އުސޫލުތަކެއްގެ ދަށުންނެވެ.
އެގޮތުން އިތުރު ސިމެއް ލިބޭނީ ފުލުހުންނަށް މައްސަލަ ހުށަހަޅައި، އެކަމަށް ކަނޑައަޅާފައިވާ ހާއްސަ މަރުހަލާތަކެއް ފުރިހަމަކުރުމަށް ފަހުގައި ކަމަށް އެ އޮފީހުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޖަލުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން، ގަވާއިދާ ހިލާފަށް ޖަލުތަކަށް އެތެރެކުރާ މޯބައިލް ސިމްތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ހޯދުމަށް ވަނީ ނިންމާފައެވެ.
އަދި އެފަދަ ފަރާތްތަކާ ދެކޮޅަށް ގާނޫނީ އަދި އިދާރީ ފިޔަވަޅުތައް އެޅުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ދަނީ މުޅި ރާއްޖޭގައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަނުގެ ދަށުން ބިދޭސީންގެ މައުލޫމާތާއި ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.


