މާލޭގައި އައު މާރުކޭޓް ކޮމްޕްލެކްސް އިމާރާތްކުރުމަށްޓަކައި، މިހާރު ހުރި ލޯކަލް މާރުކޭޓުގެ ގޮޅިތަކުގައި ތިބި މީހުން ވަގުތީ ތަނަކަށް ބަދަލުކޮށް، އެއް މަސްދުވަހުގެ ތެރޭގައި ބިން ހުސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުއްޠަލިބް ވިދާޅުވީ، ވަގުތީ މާރުކޭޓު ހެދުމަށްޓަކައި ކުރީގެ އެސްޓީއޯ ހުރި ތަނާއި ތައިސޭކޮށި ބަލަމުންދާ ކަމަށެވެ. މާލޭގެ މައި މާރުކޭޓުތައް އެއް އިމާރާތަކަށް ގެނައުމަށްޓަކައި މި މަޝްރޫޢު މިއަހަރުގެ މާރޗް މަހު ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ނަމަވެސް، ޢަމަލީ މަސައްކަތް ނުފެށި 5 މަސް ވެގެންދިޔައީ މާލެ ސިޓީ ކައުންސިލުން ބިން ހަވާލުނުކުރެވިގެންނެވެ.
މާލޭ ބާޒާރުމަތީ ސަރަޙައްދުގައި ތަރައްޤީކުރާ 126.4 މިލިއަން ރުފިޔާގެ މި މާރުކޭޓް ކޮމްޕްލެކްސްއަކީ 6 ފަންގިފިލާގެ އިމާރާތެކެވެ. 15،525 އަކަފޫޓުގެ ބިމެއްގައި ތަރައްޤީކުރާ މި އިމާރާތުގެ ޖުމްލަ ޖާގަ 95،000 އަކަފޫޓަށްވުރެ ބޮޑުވާނެއެވެ. މި އިމާރާތް ނިމުމުން މަސްމާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓު އަދި ލޯކަލް މާރުކޭޓުގެ ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ. އަދި ޖުމްލަ 455 ގޮޅި ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު، އިމާރާތުގެ ބޭސްމަންޓުގައި 400 ސައިކަލު ޕާކުކުރެވޭނެ ޖާގައާއި، އެންމެ މަތީ ފަންގިފިލާގައި ފުޑް ކޯޓެއް ހުންނާނެއެވެ. ސަރުކާރުގެ އަމާޒަކީ 1 އަހަރާއި 8 މަސްދުވަހުގެ ތެރޭގައި މި މަޝްރޫޢުގެ މަސައްކަތް ފުރިހަމައަށް ނިންމާލުމެވެ.



