މި އަހަރުގެ ބަޖެޓުން ސަބްސިޑީއަށް ކަނޑައަޅާފައިވާ ފައިސާ ހުސްވެ، ބަޖެޓުކޮށްފައިވާ ވަރަށް ވުރެ އިތުރަށް 335 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ދައުލަތުގެ މާލީ ތަފުސީލުތަކަށް ބަލާއިރު، މިހާތަނަށް ސަބްސިޑީއަށް ކުރި ހޭދަ ވަނީ ބަޖެޓު ކުރެވުނު މިންވަރަށްވުރެ ބޮޑުތަނުން އިތުރުވެފައެވެ. ފިނޭންސް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މި އަހަރުގެ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ 2.89 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިހާތަނަށް ސަބްސިޑީގެ ޚަރަދު ވަނީ 3.23 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ބަޖެޓު ކުރި މިންވަރަށްވުރެ އިތުރަށް ހޭދަކުރި 335 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް ޚަރަދުކޮށްފައިވަނީ 1.84 ބިލިއަން ރުފިޔާއެވެ.
އެހެންކަމުން މި އަހަރުގެ މިހާތަނަށް ސަބްސިޑީއަށް ކުރި ހޭދައަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 75.7 ޕަސެންޓް ނުވަތަ ގާތްގަނޑަކަށް 76 ޕަސެންޓުގެ އިތުރުވުމެކެވެ. ސަބްސިޑީ ނިޒާމުގެ ދަށުން ދައުލަތުން އަންނަނީ ކާޑުގެ ބާވަތްތަކާއި، ފެނާއި، ކަރަންޓުގެ އިތުރުން ނަރުދަމާގެ ޚަރަދުތަކުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ސަބްސިޑީތައް ރިފޯމްކޮށް، އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އެކަނި ދޭ ގޮތަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވީ ނަމަވެސް، އެ ބަދަލުތައް އަދި އަމަލީގޮތުން ތަންފީޒުކުރަން ފެށިފައިނުވާތީ ޚަރަދުތައް ދަނީ މަތިވަމުންނެވެ.

