ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް ވަގުތުތަކުގައި ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭއިރު، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ. ކަނޑުތަކުގެ ހާލަތަށް ބަލާއިރު ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. ރާޅުގެ އުސްމިން ދެކުނުގައި 1 ފޫޓާއި 3 ފޫޓާ ދެމެދުގައި އުޅޭއިރު، އެހެން ސަރަޙައްދުތަކުގައި ރާޅު އުސްވާނީ 3 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވައިފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާގެ ރެކޯޑުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ގދ. ފަރެސްމާތޮޑާއަށެވެ. އެއީ 61.0 މިލިމީޓަރުގެ ވާރޭއެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑުކުރެވިފައިވަނީ ލ. ކައްދޫއަށެވެ. އެއީ 53.3 މިލިމީޓަރުގެ ވާރޭއެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ގދ. ގެމަނަފުއްޓަށެވެ. އެއީ 26.5 މިލިމީޓަރުގެ ވާރޭއެވެ.



