އިދިކޮޅު ފަރާތްތަކުން ޑޮލަރުގެ ތާށިކަމަށް ބުނެ ވާހަކަދައްކަނީ މުޒާހަރާތަކަށް މީހުން ނެރުމުގެ ބޭނުމުގައި ކަމަށާއި، އެފަދަ ވާހަކަތަކުގެ ސަބަބުން ޑޮލަރުގެ ކަޅު ބާޒާރަށް ހިތްވަރު ލިބި އިގުތިޞާދަށް ނުރައްކާވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި މިނިސްޓަރު ވިދާޅުވީ، އިދިކޮޅު އެމްޑީޕީން 'ދަތިވެއްޖެ' ނަމުގައި މުޒާހަރާއެއް ބާއްވަން ތައްޔާރުވަމުންދާއިރު، ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް އެނގޭނެ ކަމަށެވެ. އަދި މިހާރު ވިޔަފާރިތަކަށާއި، ބޭރުގައި ކިޔަވާ ދަރިވަރުންނާއި ބޭސްފަރުވާއަށް ފުރާ މީހުންނަށް އެމްއެމްއޭއާއި ބީއެމްއެލް މެދުވެރިކޮށް ދުވަހަކުވެސް ދޫނުކުރާ މިންވަރަށް ޑޮލަރު ދޫކުރަމުންދާ ކަމަށާއި، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެނީ ބޭންކިން ސިސްޓަމަށް ފައިސާ ނުވައްދައި ވިއްކާތީއާއި ބައެއް ނޫސްތަކުގެ ސުރުޚީތަކުގެ ސަބަބުން ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް ރައްދުދެއްވަމުން ސައީދު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ޑޮލަރު ނުލިބިގެން އެމްއެމްއޭއިން ފެށިގެން މަސްމާރުކޭޓާ ހަމައަށް ކިޔޫ ދަމާލި ކަމަށާއި، އެ ވެރިކަން ނިމުނުއިރު ޑޮލަރެއްގެ އަގު ހުރީ 17 ރުފިޔާގައި ކަމަށެވެ.
އަދި ބައެއް ނޫސްތަކުން 22 ރުފިޔާއަށް ޑޮލަރުގެ އަގު އަރައިފިކަމަށް ބުނެ ސުރުޚީތައް ޖަހަނީ ޕެނިކް އުފެއްދުމަށް ކަމަށް ސައީދު ވިދާޅުވިއެވެ. ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15.42 ރުފިޔާ ކަމަށްވީ ނަމަވެސް، މި ހަފުތާ ފެށުނުއިރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 22.10 ރުފިޔާއަށް އުފުލިފައެވެ. މުޅިންހެން އިމްޕޯޓަށް ބަރޯސާވާ ރާއްޖޭގައި ޑޮލަރުގެ އަގު ބޮޑުވުމާ ގުޅިގެން ބާޒާރުގައި ތަކެތީގެ އަގުތައްވެސް ދަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ.



