މާލެއިން ފުރައިގެން ސްރީ ލަންކާގެ ކޮލަމްބޯ ޕޯޓަށް ދަތުރުކުރި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ބޯޓަކުން 17 ހުސް ކޮންޓެއިނަރު ކަނޑަށް ވެއްޓިއްޖެއެވެ.
ލަންކާގެ "ޑެއިލީ މިރާ" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން މި ހާދިސާ ހިނގާފައިވަނީ ކޮލަމްބޯ ޕޯޓާ ހުޅަނގުން ގާތްގަނޑަކަށް 17 ނޯޓިކަލް މޭލު ދުރުންނެވެ.
މިދިޔަ އަންގާރަ ދުވަހު މާލެއިން ފުރި މި ބޯޓުން ވެއްޓުނު ކޮންޓެއިނަރުތަކާ ގުޅިގެން ލަންކާގެ ޑިޕާޓްމަންޓް އޮފް ފިޝަރީޒް އެންޑް އެކުއާޓިކް ރިސޯސަސްއިން ވަނީ އޮޔާދާ ކޮންޓެއިނަރުތަކަށް އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އެލާޓް ނެރެފައެވެ. އަދި ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި މި ކޮންޓެއިނަރުތައް ލަންކާގެ ބެރުވަލާ އާއި ނެގޮމްބޯގެ އައްސޭރިފަށަށް ލެއްގުމުގެ ފުރުސަތު ބޮޑެވެ.
މި ހާދިސާއާ ގުޅިގެން ލަންކާގެ ނޭވީން އެ ސަރަހައްދުގެ ހާލަތު ބަލަމުން އަންނައިރު، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އިން ވަނީ ކޮންޓެއިނަރެއް ފެނިއްޖެނަމަ އެކަން ރިޕޯޓުކުރުމަށް މަސްވެރިންނާއި ދަތުރުވެރިންގެ ކިބައިން އެދިފައެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން އެމްއެސްއެސްއިން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.




