އިންޑިއާގެ މަޝްހޫރު ބިލިއަނަރު ގޯތަމް ސިންހާނިއާ ދުއްވި ލޯންޗެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލުނު ހާދިސާގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
"ރާއްޖެ ޓައިމްސް" އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށާއި، މި ކަމާ ގުޅިގެން ސިންހާނިއާއާ ސުވާލުކުރުމަށް ފުލުހުންގެ ޚާއްސަ ޓީމެއް މިހާރު އިންޑިއާގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހުގެ ރޭ ވ. ފެލިދޫ ކައިރިން ހިނގި މި ހާދިސާގައި ލޯންޗުން ދަތުރުކުރި ހަތް މީހުންގެ ތެރެއިން ދެ މީހަކު ގެއްލިފައިވާއިރު، އެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ވަނީ ހުއްޓާލާފައެވެ. މި ހާދިސާ ހިނގި ވަގުތު އުޅަނދު ދުއްވަން އިނީ އިންޑިއާގެ ރޭމަންޑް ގްރޫޕުގެ ޗެއަރމަން ގޯތަމް ސިންހާނިއާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، ލޯންޗު ބަންޑުން ޖަހާލި ވަގުތު އޭގައި ތިބި އެންމެންވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށް ވ. އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވީ މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލައެއް ކަމަށެވެ.
ވ. އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ އިތުރަށް ވިދާޅުވި ގޮތުގައި، މި އެންމެން ރާއްޖެ އައިސްފައިވަނީ ސިންހާނިއާގެ ލަގްޒަރީ ޔޮޓެއް ކަމަށްވާ "ޓީޓީ އަޝޭނާ" ގައެވެ. އެކްސިޑެންޓުވި ބާރު ދުވެލީގެ ރޭސިންގ ލޯންޗަކީ ވެސް އެ ޔޮޓުގެ އުޅަނދެކެވެ. ލޯންޗު ބަންޑުންޖަހާލުމާ ގުޅިގެން ޔޮޓުގެ އެހެން އުޅަނދަކުން އެމީހުން ނަގައިގެން ފެލިދުއަށް ގެނައިއިރު އެންމެންވެސް ތިބީ މަސްތުގެ ހާލަތުގައިކަން ޝުޖާއު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މި ހާދިސާގައި ގެއްލިފައިވަނީ އިންޑިއާގެ މަޝްހޫރު މޮޓޯސްޕޯޓްސް ލެޖެންޑް ހަރީ ސިންގް (59 އަހަރު) އާއި ކޮމާންޑަރ މަހޭޝް ރާމަޗަންދުރަން އެވެ. ލޯންޗުގައި ދެން ތިބީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާގެ ތިން ފިރިހެނުންނެވެ.
މި ހާދިސާގައި ސަލާމަތްވި މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އެކަކުގެ އަތް ބުރިވެ ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލު ގައި ވަނީ ފަރުވާ ދީފައެވެ. ބިލިއަނަރު ސިންހާނިއާ އާއި އިތުރު ދެ މީހަކަށް ވެސް ކުދި އަނިޔާތަކެއް ލިބިގެން ފަރުވާ ދީފައިވެއެވެ. ނަމަވެސް، މައްސަލައިގެ ތަހުގީގު ހިނގަމުން ދަނިކޮށް ސިންހާނިއާ މިހާރު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ. އޭނާގެ ތަރުޖަމާނު ބުނި ގޮތުގައި އޭނާ ފުރައިގެން ދިޔައީ މުމްބައިގައި އިތުރު ފަރުވާ ހޯދުމަށެވެ. ފުލުހުން ބުނީ ލޯންޗު ބަންޑުންޖަހާލަން ދިމާވި ސީދާ ސަބަބު ދެނެގަތުމަށްޓަކައި އުޅަނދުގެ ބައިތައް ތަހުލީލު ކުރަމުންދާ ކަމަށެވެ.



