މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ދެ ބޭފުޅެއްގެ ނަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. މި މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި ހަސަން ޒަރީރު މިދިޔަ މަހުގެ ތެރޭގައި ފިނޭންސް މިނިސްޓަރަކަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.
މަގާމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް މަޖިލީހަށް ފޮނުއްވި ދެ ބޭފުޅުންނަކީ:
-
މުޙައްމަދު ހަލީމް ޢަބްދުﷲ (ހއ. ތަކަންދޫ، ސާދާގެ): ޔުނިވާސިޓީ އޮފް ލަންޑަން އިން ޕްރޮފެޝަނަލް އެކައުންޓެންސީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ، އެކައުންޓިން ދާއިރާގެ ގިނަ ދުވަހުގެ ތަޖުރިބާހުރި ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ރައީސްގެ މަގާމުގައެވެ.
-
ފާތިމަތު އަމީޒާ (ގދ. ގައްދޫ، ކޯޒީރައުންޑް): އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ މީރާގެ ޑެޕިއުޓީ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައެވެ.
މި ދެ ބޭފުޅުންގެ ނަން ދިރާސާކުރުމަށްޓަކައި މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.
ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނީ އިގްތިސާދީ ކޮމިޓީން އިންޓަވިއު ކުރުމަށް ފަހު، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.



