ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މާލީގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ހިންގަން އެންމެ ބޮޑު ހުރަސްތަކެއް ކުރިމަތިވެފައިވަނީ ފެނަކަ ކޯޕަރޭޝަނަށް ކަމަށާއި، އެ ކުންފުނީގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ތަރުޖަމާނު ހާމަކުރެއްވީ، ފެނަކަ އިސްލާހުކުރުމަށާއި އެ ކުންފުނީގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމަށްޓަކައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ސަރުކާރުން މިހާރުވެސް ފަށައިގެން ކުރިއަށްގެންދާ ކަމަށެވެ.
ތަރުޖަމާނު ވިދާޅުވި ގޮތުގައި ނިމިދިޔަ ސަރުކާރުން ސިޔާސީ ބޭނުމަށްޓަކައި ކުދި ރަށްރަށުން ގިނަ އަދަދެއްގެ ޒުވާނުން ފެނަކައިގެ ވަޒީފާތަކަށް ވެއްދުމަކީ ޓްރެންޑަކަށް ހަދާފައި އޮތުމުގެ ސަބަބުން، އޭގެ ނޭދެވޭ އަސަރު އެހެން ސިނާއަތްތަކަށް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތަށް މިކަމުގެ ސަބަބުން ބޮޑު ލޮޅުމެއް އެރިކަން އޭނާ ފާހަގަކުރެއްވިއެވެ.
މަސްއޮޑިދޯނިފަހަރަށް ބޭނުންވާ ކެޔޮޅުންނާއި ފަޅުވެރިން މަސްވެރިކަން ދޫކޮށް ފެނަކައިގެ ވަޒީފާތަކަށް ބަދަލުވުމުގެ ސަބަބުން، ބައެއް ރަށްރަށުގައި މަސްވެރިކަން ކުރާނެ މީހުން ނެތިގެން ބޮޑެތި އޮޑިތައް ވަނީ ހުއްޓިފައެވެ. އަދި ބައެއް އޮޑިވެރިންނަށް މަސްވެރިކަން ކުރެވޭނެ ގޮތް ނެތުމުން، އެ ތަކެތި ރިސޯޓުތަކަށް ސަޕްލައި ދޯނީގެ ގޮތުގައި ކުއްޔަށް ދޭންޖެހޭ ހާލަތަށް ކަންކަން ގޮސްފައިވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްވެސް ދާދިފަހުން ވަނީ، ކުންފުނިތަކުން ސިޔާސީ މަންފާއަށްޓަކައި ވަޒީފާ ބެހުމުގެ ސަބަބުން މަސްވެރިން ހޯދަން އިންތިހާއަށް ދަތިވެ، މުޅި ސިނާއަތަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ފެނަކައިގެ ހިންގުން ހަރުދަނާކޮށް، ބޭކާރު ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން، މުވައްޒަފުން މަދުކުރުމަށް ޚާއްޞަ ޕްރޮގްރާމެއް ވަނީ ހުޅުވާލާފައެވެ. މި މަހުގެ ދެވަނަ ދުވަހު ހުޅުވާލި މި ފުރުޞަތަކީ 4 މަހުގެ މުސާރަ އެއްފަހަރާ ދޭ ގޮތަށް، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމުގެ ފުރުޞަތެކެވެ.
ޖުމްލަ 8,000 އެއްހާ މުވައްޒަފުން މަސައްކަތްކުރާ ފެނަކަ ކޯޕަރޭޝަނުން ހުޅުވާލި މި ފުރުޞަތުގެ މުއްދަތު މިދިޔަ އާދީއްތަ ދުވަހުގެ މެންދުރު 2:00 އަށް ހަމަވިއިރު، އަމިއްލައަށް ވަޒީފާއިން ވަކިވުމަށް 97 މުވައްޒަފަކު ހުށަހަޅާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަފީފް ޙުސައިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިއީ ކުންފުނީގެ ހިންގުން ނިޒާމީ ގޮތެއްގައި ހަރުދަނާކޮށް، ދެމެހެއްޓެނިވި ކުންފުންޏަކަށް ހެދުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ މުހިންމު ފިޔަވަޅެކެވެ. އަދި މި ބަދަލުތަކާއެކު ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ކުރިއަށްވުރެ ފުޅާވެގެންދާނެ ކަމަށްވެސް ކުންފުނިން ބުނެއެވެ.




