ސިވިލް ކޯޓުގެ ޝަރުޢީ ދާއިރާ ހަރުދަނާކޮށް، ކޯޓުގެ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި އެ ކޯޓަށް ތިން ފަނޑިޔާރުން އައްޔަންކުރުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ފުރުޞަތު ހުޅުވާލައިފިއެވެ.
ޖޭއެސްސީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ ޤާޒީކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ މަހުގެ 1 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި މަޤާމަށް އެދި ހުށަހަޅަންޖެހޭނީ އެ ކޮމިޝަނުގެ "ފަހިރެސް" ޕޯޓަލް މެދުވެރިކޮށެވެ.
މި މަޤާމަށް އައްޔަންކުރެވޭ ފަރާތްތަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 60,000 އަށްވުރެ ގިނަ ރުފިޔާ ލިބޭނެއެވެ. އޭގެ ތަފްސީލަކީ:
- އަސާސީ މުސާރަ: 37,700 ރުފިޔާ
- ލިވިންގ އެލަވަންސް: 18,000 ރުފިޔާ
- ރިސްކް އެލަވަންސް: 3,300 ރުފިޔާ
- ފޯނު އެލަވަންސް: 1,000 ރުފިޔާ
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ އުޞޫލުން މެޑިކަލް އިންޝުއަރެންސްގެ ޚިދުމަތްވެސް އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނެއެވެ.
ޤާނޫނުގައިވާ ގޮތުން ސިވިލް ކޯޓުގެ ޤާޒީކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ޝަރުޠުތަކުގެ ތެރޭގައި، އުމުރުން 25 އަހަރު ފުރިފައިވުމާއެކު، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ހިމެނެއެވެ. އަދި ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރެވޭ ފަރާތްތަކަކީ އަޚްލާޤީ ގޮތުން ރަނގަޅު، ދީނީ ގޮތުން ފާސިޤު ނޫން މީހަކަށް ވާންޖެހޭނެއެވެ.
ސިވިލް ކޯޓުގެ ޤާޒީންގެ ބެންޗަށް މީހުން އިތުރުކުރަން ޖޭއެސްސީން ނިންމާފައިވަނީ އެ ކޯޓަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގައި ހުރި ދަތިތައް ހައްލުކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތް މިހާރަށްވުރެ ހަލުވިކޮށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ. މީގެ ކުރިންވެސް އެކި ފަހަރުމަތިން ކޯޓުތަކަށް ފަނޑިޔާރުން އިތުރުކުރުމުގެ މަސައްކަތް ޖޭއެސްސީން ވަނީ ކުރިއަށް ގެންގޮސްފައެވެ.




