ކައިވެނި ރޫޅުމަށްފަހު ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކާއެކު ދަރިންނަށް ކުރާ އަސަރުކުޑަކުރަން ހިންގާ 'ފެމިލީ މީޑީއޭޝަން'ގެ ހިދުމަތް އަތޮޅުތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ވެސް ވަރަށް އަވަހަށް ދޭން ފަށާނެ ކަމަށް އުއްތަމަފަނޑިޔާރު އަބްދުލްގަނީ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އަބްދުލްގަނީ މިހެން ވިދާޅުވީ، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ޕްރޮފެޝަނަލް މީޑިއޭޓަރުން ތަމްރީނު ކުރަން ހެލްތު މިނިސްޓްރީއާއި ޖުޑީޝަލް އެކަޑަމީ ގުޅިގެން ކުރިއަށް ގެންދާ މީޑިއޭޝަން- ޓްރެއިނިން އޮފް ޓްރެއިނާސް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ޕްރޮގްރާމްގެ ތެރެއިން ފުރަތަމަ ބެޗުގެ ޓްރެއިނަރުން ތަމްރީންކުރުމުގެ މަސައްކަތް އާދިއްތަ ދުވަހު ފަށާނެ އެވެ. އަދި އެ ޓްރެއިނަރުން މެދުވެރިކޮށް މީޑިއޭޓަރުން ތަމްރީންކުރުމުގެ މަސައްކަތް ފަށާނީ އަންނަ މަހު އެވެ.
އަބްދުލްގަނީ ވިދާޅުވިގޮތުން، މިދިޔަ އަހަރު ފެމިލީ ކޯޓުގައި 5،102 ކައިވެނިކޮށްދީފައިވާއިރު 3498 ވަރިކޮށްދީފައިވެ އެވެ. ރޫޅިގެންދާ ކޮންމެ ކައިވެންޏަކުން އުފަަންވެގެން އަންނަ އެތައް ބައިވަރު އިޖުތިމާއީ މައްސަަލަތަކެއް ހުންނަކަމަށާއި އޭގެ ސަބަބުން އާއިލާގެ ނަފުސާނީ ދުޅަހެޔޮކަމަށް ވަރަށް ފުން އަސަރުތަކެއް ކުރާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ކުރިން އެކަކު އަނެކަކާ ވަކިން ނޫޅެވޭނެ ކަމަށް ކައިވެނިވީ ދެ މީހުން ފަހުން އެއްމަގުން ހިނގާފައިދާން ވެސް ނުރުހޭ ހިސާބަށް ކައިވެނިތަކުން ނިމުން އަންނަކަން ފާހަަގަކުރައްވާ އަބްދުލްގަނީ ވިދާޅުވީ، އެ ރުޅިވެރިކަމާއި ނަފުރަތުގެ ވޭނުގެ އަަސަރު އެންމެ ބޮޑު ކުރަންޖެހެނީ ދެމަފިރީންގެ ދަރިންނަށް ކަމަށެވެ.
ވަރިކުރުން ނޫން ގޮތެއް ނޯންނަ ހާލަތުގައި ވެސް އެކަން ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދަން ހިންގާ މީޑިއޭޝަން ނުވަތަ ތަހުކީމަކީ ގުރުއާނުގެ ނައްސުން އައިސްފައިވާ ވަރަށް ފުރިހަމަ ނިޒާމެއް ކަމަށް އަބްދުލްގަނީ ވިދާޅުވި އެވެ. އެގޮތުން މީޑިއޭޝަން މުހިންމުވާ ސަބަބުތަކުގެ ގޮތުގައި ފާހަގަކުރެއްވީ، މީޑިއޭޝަންގެ އަމާޒަކީ މާޒީގައި ދޫކޮށްލައި އެކަކު އަނެކަކަށް އިނގިލި ދިއްކުރުން ހުއްޓާލައި ދަރިފުޅުގެ މުސްތަގުބަލު ހިމެނޭހެން ދެ މީހުންގެ ގުޅުން ކުރިމަގުގައި އޮންނާނެ ގޮތާ މެދު މަޝްވަރާކުރުން ކަމަށްވާތީ ކަމަށެވެ. މީޑިއޭޝަންގެ އަމާޒަކީ ދެފަރާތް ވެސް ރުހޭ ހައްލެއް ހޯދުން ކަމަށާއި ގޮތް ނިންމާނީ އެ މައްސަލާގައި ޝާމިލުވާ ދެ މީހުން ކަމަށް އެމަނިކުފާނު ވިދާޅުވި އެެވެ. އެހެންވެ، ދެމީހުންގެ ދެމެދުގައި ރުޅިވެރިކަން އިތުރުވުމުގެ ބަދަލުގައި ސުލަހަވެރިކަމާއެކު ދަރިންގެ މުސްތޮގުބަލާއިމެދު ވިސްނަން މައިންބަފައިންނަށް ފުރުސަތު ލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މިއަދު މިފަށާ ޕްރޮގްރާމަށްފަހު މީޑިއޭޓަރުން ތަމްރީންކުރުމުގެ ކަންކަން ހުއްޓުމެއް ނެތި ކުރިއަށްގެންގޮސް މެޖިސްޓްރޭޓް ކޯޓުތަކުގައިވެސް މާލޭގައި ހުންނަ ފެމިލީ ކޯޓެކޭ އެއްފަދައިން ފެމިލީ ކޯޓެކޭ އެއްފަދައިން ޕެމިލީ މީޑީއޭޝަންގެ ހިދުމަތް ފެށުމުގެ ދަތުރުފެށޭނެ. މިއީ ދުޅަހެޔޮ އާއިލާއެއް ބިނާކުރުމަށް ލިބޭނެ މުހިއްމު ފުރުސަތެއް." އުއްތަމަފަނޑިޔާރު އަބްދުލްގަނީ ވިދާޅުވި އެވެ.



