ފިހާރައަކަށް ވަދެ މުވައްޒަފުންނަށް ބިރުދައްކައި މާރާމާރީ ހިންގި މައްސަލައެއް ބަލަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ފިހާރައަކަށް ވަދެ، އެ ތަނުގެ މުވައްޒަފުންނަށް ބިރުދައްކައި މުދަލަށް ގެއްލުންދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ކަޅު ކުލައިގެ ޓީޝާޓެއް ލައިގެން ހުރި ފިރިހެނަކު ފިހާރައަށް ވަދެ، ކައުންޓަރު މަތީގައި ހުރި މޮނީޓަރު އަނބުރާލައި، އެ ތަނުގައި ތިބި މުވައްޒަފުންނާ ދިމާލަށް ހަޅޭއްލަވައި ބިރުދައްކައެވެ. އަދި އެ ވަގުތު ކައުންޓަރުގައި ހުރި ބިދޭސީ މުވައްޒަފުގެ ގައިގައި އަތްލައި މާރާމާރީ ހިންގަން މަސައްކަތް ކުރުމަށްފަހު، މޮނީޓަރު ވައްޓާލައި ގެއްލުންދީފައި އެ މީހާ ފިހާރައިން ނުކުމެގެންދެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ފޭސް 2 ގެ އެމްއޭސީއެލް ޓަވަރު "ބީ" ގައި ހުންނަ ފިހާރައެއްގައެވެ. ސީސީޓީވީ ފުޓޭޖުން ދައްކާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ފަތިހު 4:30 ހާއިރުއެވެ. މި މައްސަލަ ރިޕޯޓްކުރި ފަރާތުން ބުނެފައިވާ ގޮތުގައި، އެ މީހާ ފިހާރައަށް ވަނީ މަސްތުގެ ހާލަތުގައި ހުރެގެންނެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ، މި މައްސަލަ އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށާއި، މިހާތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް، ވީޑިއޯ ފުޓޭޖްތަކުގެ އެހީގައި އެ މީހާ ދެނެގަތުމާއި، މައްސަލައިގެ އިތުރު ތަފްސީލު ހޯދުމުގެ މަސައްކަތް ވަރަށް ސީރިއަސްކޮށް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.

މިފަދަ ހާދިސާތައް ހިނގަމުންދާތީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއި ވިޔަފާރިވެރިން ދަނީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްދިނުމަށް އެދެމުންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް