މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ވިލިމާލޭގައި ރަސްމީކޮށް ފަށައިފިއެވެ.
ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުއެވެ.
މާލޭ ޓެކްސީ ލައިނަކީ މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫޢެކެވެ. މި ޚިދުމަތް ދެމުންގެންދަނީ އެމް.ޓީ.ސީ.ސީގެ ބެލުމުގެ ދަށުންނެވެ. މި ޓެކްސީ ލައިންގެ ޚިދުމަތް މާލެއާއި ހުޅުމާލޭގައި މިދިޔަ އެޕްރީލް މަހުގެ 2 ވަނަ ދުވަހުން ފެށިގެން ދަނީ ދެމުންނެވެ.
އެމް.ޓީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރު އަލްފާޟިލް ޢަބްދުﷲ ސަޢުދީ ވިދާޅުވީ، ވިލިމާލޭގައި މި ޚިދުމަތް ފެށުމަކީ އެ އަވަށުގެ ރައްޔިތުންނަށް އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ދިމާވާ ދަތިތަކަށް ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށެވެ. ޚިދުމަތަށް އެދުމަށްޓަކައި މާލޭ ޓެކްސީ ލައިންގެ ޚާއްސަ އެޕްލިކޭޝަން ބޭނުންކުރެވޭނެ ކަމަށާއި، މީގެ އިތުރުން ހޮޓްލައިން ނަންބަރު "1655" އަށް ގުޅައިގެން ވެސް ޓެކްސީ ހޯދޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވިލިމާލެއަކީ އާންމުކޮށް އިންޖީނުލީ އުޅަނދުތައް ދުއްވުން މަނާ، ތިމާވެއްޓާ ރައްޓެހި އަވަށެއް ކަމަށްވާއިރު، މި ޚިދުމަތް ފަރުމާކޮށްފައިވަނީ އެ އަވަށުގެ މާހައުލާ ގުޅޭގޮތަށް، އާންމު ދިރިއުޅުމަށް ބުރޫނާރާނެ ފަދަ އުސޫލުތަކެއްގެ ދަށުންނެވެ. ފާއިތުވި އަހަރުތަކުގައި ވިލިމާލޭގައި ބެޓެރި ސައިކަލް ފަދަ އުޅަނދުތައް އިތުރުވެފައިވާ ދަނޑިވަލެއްގައި، ނިޒާމީ ގޮތެއްގައި ޓެކްސީގެ ޚިދުމަތް ފެށުމަކީ ރަށުގެ ދަތުރުފަތުރުގެ ނިޒާމު ތަރުތީބުވެގެންދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.




