ހިމަބިހިން ރައްކާތެރިވުމަށްޓަކައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހާއްސަ ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރ ނާޝިޔާ އަބްދުލްގަފޫރު ވިދާޅުވީ، ވޭތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި އެކި ފަހަރުމަތިން މި ބަލީގެ ކޭސްތައް ފެނިފައިވާ ކަމަށެވެ. އެހެންކަމުން ބަލި ފެތުރުން ކޮންޓްރޯލްކޮށް، ބަލީގެ ނުރައްކަލަށް ހުށަހެޅޭ މީހުންގެ އަދަދު މަދުކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނާޝިޔާ އިތުރަށް ވިދާޅުވި ގޮތުގައި، މިހާރުވެސް ބަލި ޖެހިފައިވާ މީހުންނާ ސީދާ ދިމާވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދެއެވެ. އަދި ކުރިއަށް އޮތް ތަނުގައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ އާންމު ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގައުމީ ވެކްސިން ތާވަލުގައި ހިމެނޭ އެމްއާރް އަދި އެމްއާރްއައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަކީ މުހިންމު ކަމެކެވެ. އެޗްޕީއޭއިން ލަފާދޭ ގޮތުގައި، ވެކްސިން ޖަހާފައިވާކަން ކަށަވަރުކޮށްދޭނެ ރަސްމީ ލިޔެކިޔުމެއް ނެތް ނަމަ، އެންމެ ރައްކާތެރި ގޮތަކީ އަލުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ.
މި ވެކްސިންގެ ސަބަބުން ބަލީގެ ސީރިއަސް ހާލަތްތަކުންނާއި ފުރާނައަށް ނުރައްކާވާ ފަދަ ކަންކަމުން ރައްކާތެރިކޮށްދޭނެ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. ހާއްސަކޮށް ދިގު މުއްދަތަކަށް ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި، ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި ފަރާތްތަކުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެ އެޖެންސީން އިރުޝާދުދެއެވެ.
ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުމާއެކު ހުން އައުން ފަދަ ހިމަބިހީގެ އަލާމާތެއް ފެނިއްޖެ ނަމަ، ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.



