ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސްގެ މަޤާމަށް، މ. ވެލަގަލި، ޑޮކްޓަރ މުޙައްމަދު މާހިދު ޝަރީފު ޢައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރުންގެ ފެންވަރުގައި މި މަޤާމަށް ޑރ. މާހިދު ޢައްޔަންކުރައްވާފައިވަނީ 18 މޭ 2026 ގައެވެ.
ޑރ. މާހިދަކީ މީގެ ކުރިންވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަޤާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، ސަރުކާރުގެ އެކި ވުޒާރާތަކުގެ ޕަރމަނަންޓް ސެކްރެޓެރީކަމާއި، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރކަން އެމަނިކުފާނު ވަނީ ފުރުއްވާފައެވެ. އަދި މި މަޤާމަށް ޢައްޔަންކުރެއްވުމާ ހަމައަށް އެމަނިކުފާނު ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) ގެ މަޤާމުގައެވެ. ޑރ. މާހިދު ވަނީ ޑޮކްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވައި، ޕަބްލިކް ސެކްޓަރ މެނޭޖްމަންޓްގެ ރޮނގުން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ.
ޑރ. މާހިދުގެ ބެއްލެވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އަކީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމު ކުރައްވާފައިވާ އޮފީހެކެވެ.
މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް ޖަވާބެއް ފޯރުކޮށްދިނުމެވެ. އަދި މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމުކުރެވޭނެއެވެ.




