ކެންސަރު ދެނެގަތުމަށް ޒަމާނީ ޓެކްނޮލޮޖީއާއެކު ސިއްހީ ނިޒާމު ހަރުދަނާކުރަންޖެހޭ: ފަސްޓްލޭޑީ

ރާއްޖޭގެ ރަށްތައް ޖިއޮގްރަފީ ގޮތުން ވަކިވެފައި އޮތް ނަމަވެސް، ކެންސަރު ބަލި ދެނެގަތުމަށާއި ފަރުވާ ހޯދުމަށް އެކަމުގެ ސަބަބުން އެއްވެސް ހުރަހެއް ނުކުރިމަތިވާނެ ފަދަ ގުޅިފައިވާ ސިއްހީ ނިޒާމެއް ގާއިމުކުރުން މުހިންމު ކަމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ބްރެސްޓް ކެންސަރ އެވެއަރނަސް ސިމްޕޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަސްޓްލޭޑީ ފާހަގަކުރެއްވީ، ކެންސަރަށް ފަރުވާ ދިނުމަކީ ހަމައެކަނި ކްލިނިކަލް ފަރުވާއަކުން ނިންމާލެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ މުޅި ސިއްހީ ދާއިރާއަށް ވެސް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެންކަމުން، މުޅި ރާއްޖޭގައި އުރަމަތީގެ ކެންސަރާ ގުޅޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ބަލިމީހުން ފަރުވާއަށް ފޮނުވާ ނިޒާމު (ރިފަރަލް ޕާތުވޭސް) ތަރައްގީކޮށް، ޚާއްސަ ފަރުވާތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދޭންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެއިތުރުން، ކެންސަރު ދުރާލާ ދެނެގަތުމަށްޓަކައި ސިއްހީ ނިޒާމު ފުރިހަމައަށް ތައްޔާރުވެފައި އޮތުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ފަސްޓްލޭޑީ ވިދާޅުވީ، ސީދާ ރަނގަޅު ޑައިގްނޯސިސްއަކަށް ވާސިލުވުމަށް ފެންވަރު ރަނގަޅު މެމޮގްރަފީ، އަލްޓްރާސައުންޑް، ބަޔޮޕްސީ އަދި ޕެތޮލޮޖީގެ ޚިދުމަތްތައް ކޮންމެހެން ބޭނުންވާ ކަމަށެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ބަލި ދެނެގަތުމުގެ ގާބިލުކަން އިތުރުކުރަންޖެހޭ ކަން ފާހަގަކުރައްވައި، މިފަދަ ވަސީލަތްތަކުގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ އެ ތަކެތި ބޭނުންކުރަން ދަންނަ ފަންނީ މާހިރުން ސިއްހީ ދާއިރާގައި ތިބެގެން ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މީގެއިތުރުން، ބަލި ދެނެގަތުމަށްފަހު ދެން އަޅާ ފިޔަވަޅުތަކަކީ ވަގުތުން ވަގުތަށް، އެންމެން ގުޅިގެން އަދި ބަލިމީހާއަށް އިސްކަންދީގެން އަޅާ ފިޔަވަޅުތަކަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ. މިކަމަށްޓަކައި ރޭޑިއޮލޮޖިސްޓުންނާއި، ސަރޖަނުންނާއި، އޮންކޮލޮޖިސްޓުންނާއި، ޕެތޮލޮޖިސްޓުން އަދި ނަރުހުން ހިމެނޭހެން އެންމެން ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމަކީ އެންމެ ފުރިހަމަ ފަރުވާ ފޯރުކޮށްދިނުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ބަޔާންކުރެއްވިއެވެ.

ސިއްހީ ނިޒާމުގެ ދައުރާ އެކުއެކީގައި އާއިލާތަކާއި މުޖުތަމައުގެ އެއްބާރުލުމުގެ އަގު ވަޒަންކުރައްވަމުން ފަސްޓްލޭޑީ ވަނީ، އަންހެނުން އަމިއްލަ ސިއްހަތަށް އިސްކަންދީ ޑޮކްޓަރަށް ދެއްކުން ފަސްނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކެންސަރުގެ ތަހައްމަލުކުރަމުންދާ ފަރާތްތަކުގެ ހިތްވަރު ފާހަގަކުރައްވައި، މިއީ ހަމައެކަނި އަދަދުތަކެއް ނޫން ކަމަށާއި ކޮންމެ ތަފާސްހިސާބެއްގެ ފަހަތުގައިވަނީ އިންސާނީ ފުރާނައެއް، މަންމައެއް، ދަރިއެއް، ނުވަތަ ކޮއްކޮއެއް އަދި ރަހުމަތްތެރިއެއްކަން ހަނދާންކޮށްދެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް