ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ، ދޫނިދޫގައި ނައްތާލައިފިއެވެ. މި ތަކެތި ނައްތާލާފައިވަނީ މި ހިނގާ މަހުގެ 5 ވަނަ ދުވަހުއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަންގައި ނައްތާލާފައިވަނީ ތަފާތު ތިން މައްސަލައަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރަލެވެ.

މިގޮތުން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ:

  •  500 މިލިލީޓަރުގެ 2،547 ބަނގުރާ ފުޅި
  • 5 ލީޓަރުގެ 23 ބަނގުރާ ފުޅި
  • ބަނގުރަލާ ގުޅުންހުރި އެހެނިހެން 9 އައިޓަމް

މީގެ އިތުރުން، ނައްތާލެވުނު އިތުރު ތަކެތީގެ ތެރޭގައި ޕްލާސްޓިކް މަތިގަނޑުތަކެއް ވެސް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނި ގޮތުގައި މި ތަކެތި ނައްތާލާފައިވަނީ ބަނގުރަލުގެ މައްސަލަތަކުގައި ހިފެހެއްޓޭ ތަކެތި ނައްތާލުމަށް ކަނޑައެޅިފައިވާ ޚާއްޞަ ގަވާއިދުގެ ދަށުންނެވެ. އަދި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެ ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ ޚާއްޞަ ކޮމިޓީގެ ބެލުމާއި ވިލަރެސްވެރިކަމުގެ ދަށުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް