ކައުންސިލްތަކަށް 1.8 ބިލިއަން ރުފިޔާ ދޫކޮށްފި

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ލޯކަލް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ގަވަރމަންޓް-އޯންޑް އެންޓަޕްރައިޒަސްގެ ހިސާބުތަކުން ދައްކައިފިއެވެ.

މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ދޫކުރި 1.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 12 އިންސައްތައިގެ އިތުރުވުމެކެވެ. މިއަހަރަކީ ރާއްޖޭގެ ތާރީޚުގައި ވެސް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހިލޭ އެހީއެއް ކަނޑައެޅި އަހަރު ކަމަށްވާއިރު، މިއަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ޖުމްލަ 2.4 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ފާއިތުވި އަހަރުތަކުގައި ވެސް ސަރުކާރުން ވަނީ ކައުންސިލްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދޫކޮށްފައެވެ. އެގޮތުން 2023 ވަނަ އަހަރު ބަޖެޓުކުރި 2.1 ބިލިއަން ރުފިޔާގެ އިތުރުން 8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ޖެހިގެން އައި އަހަރު ވެސް 2.2 ބިލިއަން ރުފިޔާ ދޫކުރިއެވެ. ދައުލަތުގެ އާމްދަނީއަށް ބަލައި ފިސްކަލް ފޯމިއުލާއެއްގެ ދަށުން 2020 އިން ފެށިގެން ދޫކުރާ މި ފައިސާގެ އެންމެ ބޮޑު އިންސައްތައެއް ލިބެނީ ސިޓީ ކައުންސިލްތަކަށެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑު ބަޖެޓެއް ހާއްސަކުރެވެނީ މާލެ ސިޓީ ކައުންސިލަށެވެ.

ކައުންސިލްތަކުގެ މާލީ ގާބިލުކަން އިތުރުކޮށް، ތަރައްގީގެ މަޝްރޫއުތައް އަމިއްލައަށް ހިންގުމުގެ ފުރުސަތު ފުޅާކުރުމަށްޓަކައި ސަރުކާރުން މިހާރު ދަނީ މާލީ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެންނަމުންނެވެ. މި ބަދަލުތަކުގެ ތެރޭގައި އަތޮޅު ކައުންސިލްތައް އުވާލައި، ރަށު އަދި ސިޓީ ކައުންސިލްތަކަށް ލިބޭ ގްރާންޓުގެ މިންވަރު އިތުރުކުރުން ހިމެނެއެވެ. އަދި ފައިސާ ދޫކުރުމުގައި ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި، ރަށްރަށުގެ ބިމުގެ ބޮޑުމިނަށް ވެސް ރިއާޔަތްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް