އެމްޑީޕީއާ އަބަދުވެސް ސިޔާސީ ގޮތުން ފިކުރު ތަފާތު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހިމެނިވަޑައިގަންނަވާހެން، ރާއްޖޭގެ ކުރީގެ ތިން ރައީސުން ގުޅިގެން މަސައްކަތް ކުރެއްވުމަށް ނިންމެވި ނިންމެވުމަށް ފުރިހަމައަށް ތާއީދުކޮށް އެއްބާރުލުން ދިނުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން މިއަދު އިއްތިފާޤުން ފާސްކޮށްފިއެވެ.
ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޔާމީނާއި، ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެކުގައި މަސައްކަތް ކުރެއްވުމަށް އެއްބަސްވެވަޑައިގަތީ، މިހާރުގެ ސަރުކާރުން ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް އުނިކަންދީ، ޝަރުޢީ ދާއިރާއަށާއި ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެއެވެ.
މި އިއްތިޙާދުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ މުސްތަޤިއްލުކަން ގެއްލި، ޑިމޮކްރަސީގެ އުޞޫލުތައް ބަލިކަށިވަމުންދާތީ، ޤައުމުގެ ކަންކަން އަލުން އިޞްލާޙީ މަގަށް އެޅުވުމެވެ.
އަދި ސަރުކާރުގެ ތެރޭގައި ހުރި ނުރަނގަޅު ކަންކަން އިޞްލާޙު ކުރުމަށް މިހާރުގެ ސަރުކާރު ނުކުޅެދިފައިވާ ކަމަށްވެސް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވަނީ، މި ތިން ރައީސުންގެ އެއްބަސްވުމަށް އެ ޕާޓީން ފުރިހަމަ އެއްބާރުލުން ދިނުމަށް ގޮވާލާ ޤަރާރެއް ހުށަހަޅުއްވާފައެވެ.
ކުރީގެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި، ޢަބްދުﷲ ޔާމީން އަދި އިބްރާހީމް މުޙައްމަދު ޞާލިޙް އިސްނަންގަވައިގެން ފެއްޓެވި މި މަސައްކަތުގައި އެމްޑީޕީން ބައިވެރިވުމަކީ ޤައުމާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލުކުރެވޭތީ، އެ ތިން ބޭފުޅުން އެއްބަސްވެވަޑައިގެން 15 މެއި 2026 ގައި ނެރުއްވި ގުޅިފައިވާ ބަޔާނުގައިވާ ކަންކަން ތަންފީޛު ކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.



