ސޯސަންމަގު އެކްސިޑެންޓް: ތުހުމަތުކުރެވޭ ޒުވާނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މާލޭ ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ޒުވާނާ، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.

މާލޭގައި ދެ ސައިކަލު ޖެހިގެން މި ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ތ. ދިޔަމިގިލީ، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ހަސަންއެވެ. އޭނާ ހައްޔަރުކުރުމަށްފަހު ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ދީފައިވާ 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން، މިއަދު އަލުން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި، މާހުއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި، ނުރައްކާތެރިކޮށް އަދި ބާރު ސްޕީޑުގައި ސައިކަލު ދުއްވުމުގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. އެގޮތުން ހަމައެކަނި މި އަހަރުގެ ތެރޭގައިވެސް އެފަދަ މައްސަލަތަކުގައި އޭނާ ހަތަރު ފަހަރެއްގެ މަތިން ހިފަހައްޓައި ޖޫރިމަނާކޮށްފައިވާކަން ފުލުހުން ފާހަގަކުރެއެވެ.

މި އެކްސިޑެންޓްގައި ޖުމްލަ ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނުއިރު، އޭގެ ތެރެއިން ސީރިއަސް އަނިޔާތަކެއް ލިބިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އުމުރުން 26 އަހަރުގެ އާއިޝަތު މާހިދާ ވަނީ ނިޔާވެފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް