ހުޅުމާލޭ ކެފޭތައް ގަވާއިދަށް ފެއްތުމަށް އެޗްޑީސީން މުއްދަތެއް ދީފި

ހުޅުމާލޭގައި ހިންގާ ކެފޭ އަދި ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ގަވާއިދަށް ފެއްތުމުގެ ހާއްސަ މަސައްކަތްތަކެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން ފަށައިފިއެވެ.

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި، ހުޅުމާލޭގެ ދުވާރުތަކާއި ހެޖުތަކުގެ ތެރޭގައި ގަވާއިދާ ހިލާފަށް ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރިކުރުން މަނާކަން ކުރިން އަންގާފައިވީ ނަމަވެސް، ބައެއް ތަންތަނުން އަންގާރަޔަށް އަމަލުކޮށްފައި ނުވާކަން ވަނީ ފާހަގަކުރެވިފައެވެ.

މިކަމާ ގުޅިގެން، އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދުވާރުމަތީގައާއި ހެޖުތެރޭގައި ބަހައްޓާފައިވާ ތަކެތި ނަގައި، ގަވާއިދާ ހިލާފަށް ހުރި ކަންކަން ރަނގަޅުކުރުމަށް އެޗްޑީސީން ވަނީ ފުރުސަތު ދީފައެވެ. މީގެ އިތުރުން، ކާބޯތަކެތީގެ ހިދުމަތް ދިނުމުގެ ރަސްމީ ހުއްދަ ނުނަގައި ހުޅުމާލޭގައި ހިންގާ ހޮޓާ ކެފޭތަކުން އަވަހަށް އެ ހުއްދަތައް ނެގުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޑީސީން އިތުރަށް ބުނެފައިވަނީ ދީފައިވާ މުއްދަތު ހަމަވުމަށްފަހު، ގަވާއިދާ ހިލާފަށް ހިންގާ ތަންތަނާމެދު އެމްއެފްޑީއޭ އާއި ކަމާގުޅޭ އިދާރާތައް ގުޅިގެން ހަރުކަށި ފިޔަވަޅުތައް އަޅަން ފަށާނެ ކަމަށެވެ. އަދި އެފަދަ ތަންތަނާމެދު ފިޔަވަޅު އެޅުމުގެ ތެރޭގައި ލިބިދާނެ އެއްވެސް ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް