ކުރިން ދުވަހަކުވެސް ނުލިބޭ މިންވަރަށް ނޫސްވެރިންނަށް މަޢުލޫމާތު ހޯދުމާއި ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުންނާ ބައްދަލުކުރުމުގެ ފުރުސަތުތައް މިހާރު ހުޅުވާލެވިފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، މިހާރުގެ ސަރުކާރުން ނޫސްވެރިކަމުގެ ދާއިރާއަށް ދެއްވާ ހާއްސަ އަހައްމިއްޔަތުކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، މި ސަރުކާރުން ގެންގުޅެނީ ނޫސްވެރިންނަށް ހާމަކަން ބޮޑު ގޮތެއްގައި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސިޔާސަތެއް ކަމަށެވެ.
މިގޮތުން، ކޮންމެ ހަފްތާއަކު ސަރުކާރުގެ ވަޒީރުން ނޫސްވެރިންނާ ބައްދަލުކުރައްވައި، ދާއިރާތަކާ ގުޅޭ މަޢުލޫމާތު ދެއްވަމުން ގެންދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ވަކިން ޚާއްޞަކޮށް، ކޮންމެ ހޯމަ ދުވަހަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވާކަން ފާހަގަކުރައްވައި، މިއީ ރާއްޖޭގެ އެހެން އެއްވެސް ދާއިރާއަކަށް ނުލިބޭ ފަދަ ބޮޑު އަދި "ރަން ފުރުސަތެއް" ކަމަށް ވަޒީރު ސިފަކުރެއްވިއެވެ.
"މަހަކު ހަތަރު ފަހަރު ސީދާ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް ސުވާލުކުރުމުގެ ފުރުސަތު ނޫސްވެރިންނަށް މިވަނީ ލިބިފައި. މިއީ ސަރުކާރުގެ އެންމެ މަތީ ފަންތީގެ ބޭފުޅުންނާ ބައްދަލުކުރުމަށް ލިބިފައިވާ 'އޯޕަން' ފުރުސަތެއް،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޢަލީ ޝަރީފް އިތުރަށް ވިދާޅުވީ، ނޫސްވެރިން މި ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަންޖެހޭ ކަމަށެވެ. އަދި ނޫސްވެރިންގެ ފަންނީ ގާބިލުކަން ބޭނުންކޮށްގެން، ގައުމު ބިނާކުރުމުގައި ބިނާކުރުވަނިވި ފާޑުކިޔުންތަކާއި ޚިޔާލުތައް ހުށަހެޅުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ވަޒީރު ވަނީ ނޫސްވެރިންނަކީ ހަމައެކަނި މަޢުލޫމާތު ފަތުރާ ބަޔަކަށް ވުމުގެ ބަދަލުގައި، ދާއިރާ ތަރައްޤީކުރުމާއި ގައުމީ ތަރައްގީގައި އަމަލީ ގޮތުން ބައިވެރިވާ ބައިވެރިންނަށް ވުމަށް އިލްތިމާސްކުރައްވާފައެވެ.




