ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި އަދި ހަކަތައާ ގުޅުންހުރި މުހިންމު ދާއިރާތަކުން ފަންނީ ލިޔުންތަކާއި އާޓިކަލްތައް ޝާއިޢުކުރާ މިންވަރު އިތުރުކުރުމަށް، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ނޫސްވެރިންގެ ކިބައިން އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، ރާއްޖޭގެ މީޑިއާތަކުގައި ސިޔާސީ ޚަބަރުތަކަށް ދެވޭ ސަމާލުކަން ބޮޑު ނަމަވެސް، ތިމާވެށީގެ ދާއިރާއާ ގުޅުންހުރި މުހިންމު މަޢުލޫމާތުތައް އާންމުންނަށް ފޯރުކޮށްދެވޭ މިންވަރު މަދުކަން ފާހަގަކުރެވޭ ކަމަށެވެ. ޚާއްޞަކޮށް ތިމާވެށި ރައްކާތެރިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތަކާއި، ހަކަތަ ބޭނުންކުރުމުގެ އުޞޫލުތައް ފަދަ ދާއިރާތަކަކީ އާންމުން ހޭލުންތެރިކުރުވުމަށް ގިނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެވިދާނެ ދާއިރާތަކެއްކަން ވަޒީރު ބަޔާންކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ހަމައެކަނި ސުވާލުކޮށް މަޢުލޫމާތު ހޯދުމުގެ ބަދަލުގައި، ކަންކަން އިޞްލާޙުކުރުމަށް ބޭނުންވާ ފަންނީ ޚިޔާލާއި ފީޑްބެކް މިނިސްޓްރީއަށް ހުށަހެޅުމަށް އެދިވަޑައިގެންފައެވެ. ނޫސްވެރިންގެ ފަރާތުން ލިބޭ މިފަދަ ހަރުދަނާ ޚިޔާލުތަކަކީ މިނިސްޓްރީގެ ކުރިމަގުގެ ޕްރޮގްރާމްތަކާއި މަޝްރޫޢުތައް ރޭވުމުގައި ބޭނުންކުރެވޭނެ މުހިންމު ވަސީލަތަކަށް ހައްދަވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ހަކަތަ އިސްރާފުކުރުން ކުޑަކުރުމާއި ތިމާވެށީގެ އެކި މައްސަލަތަކާ ގުޅޭގޮތުން ލިޔާ ފަންނީ ލިޔުންތަކުން ރައްޔިތުންގެ ދިރިއުޅުމުގެ އާދަކާދައަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މި ސަރުކާރުގެ ސިޔާސަތަކީ ދެފުށް ފެންނަ ގޮތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން ކަމަށްވާއިރު، ތިމާވެށީގެ ދާއިރާއިން ނޫސްވެރިންގެ ދައުރު ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަންދޭ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.




