ތިލަމާލެ ބްރިޖްގެ މަޝްރޫޢު ނިންމަން ކަނޑައެޅި ތާރީހަށްވުރެ ލަސްވަމުންދާތީ އެކަމާ ހިތްޕުޅުނުޖެހުން ފާޅުކުރައްވަމުން، އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުންދާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން ބްރިޖް ނިންމުމަށް ކުރިން ދިން ތާރީޚުތައް ފަހަނައަޅާފައިވާ ކަމަށާއި، މަޝްރޫޢު ނިންމުމަށް އިތުރު ވަގުތު ހޯދުމަށް ކޮންޓްރެކްޓަރު ތަކުރާރުކޮށް އެދެމުންދާ ކަމަށެވެ. ސަރުކާރުން މިކަމުގައި ފުރިހަމައަށް އެއްބާރުލުން ދިން ނަމަވެސް، މަސައްކަތުގެ ދުވެލި ހުރީ އެދެވޭ މިންވަރަށްވުރެ ލަސްކޮށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކޮންޓްރެކްޓަރުގެ އެދުމުގެ މަތިން ވަރަށް ބޮޑަށް ބެލުމަށްފަހު މިހާރު މުއްދަތު އިތުރުކޮށްދީފައިވާ ކަމަށާއި، މިހާރު އެ ކުންފުނިން މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވަނީ 2027 ވަނަ އަހަރަށް ކަމަށެވެ. މި މަޝްރޫޢު އެންމެ ފުރަތަމަ ނިންމަން އޮތީ ނިމިދިޔަ ސަރުކާރުގެ ދައުރުގައެވެ. ނަމަވެސް އެކި ފަހަރުމަތިން މުއްދަތު އިތުރުކޮށް، ކުންފުންޏަށް ބޮޑެތި ޚަރަދުތަކެއް ހިނގާ ގޮތަށްވެސް އިތުރު 30 މަސް ދުވަސް ހޯދާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ބްރިޖްގެ މުޅި މަޝްރޫޢުގެ %71.60 މަސައްކަތް ވަނީ ނިމިފައެވެ. މިވަގުތު ބްރިޖް ޑެކްގެ ސެގްމަންޓްތައް ހެދުމާއި ހަރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، ގުޅިފަޅާއި ތިލަފުށީގައިވެސް މަގު ހެދުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
ޖުމްލަ 6.7 ކިލޯމީޓަރުގެ މި ބިޔަ މަޝްރޫޢަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ހިންގާ 500 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. މިއީ އިންޑިއާ ސަރުކާރުގެ އެހީއާއި ލޯނުގެ އިތުރުން ދިވެހި ސަރުކާރުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.



