ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި، "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފިއެވެ.
މި އޮފީހަކީ، ދިވެހިރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އެންމެހައި ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށްޓަކައި ގާއިމުކުރެއްވި އޮފީހެކެވެ. މި އޮފީސް ގާއިމުކުރައްވަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވީ މި އަހަރުގެ ރިޔާސީބަޔާން، ރައްޔިތުންގެ މަޖިލީހަށް އިއްވަވަމުން މި އަހަރުގެ ފެބުރުވަރީ މަހުގެ 5ވަނަ ދުވަހުއެވެ.
ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީހުން ކުރަމުންގެންދާނެ މަސައްކަތްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ސަރަހައްދުގެ ބައުންޑަރީއާ ގުޅޭގޮތުން އުފެދޭ ޚިލާފުތަކާ ގުޅުންހުރި މައްސަލަތައް ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ބައިނަލްއަގުވާމީ ފަރާތްތަކާއެކު އިސްވެ ހަރަކާތްތެރިވުމާއި، ދިވެހިރާއްޖޭގެ ސަރަހައްދުގެ ރަސްމީ ބޭސްލައިންތަކާއި ބައުންޑަރީ ލިމިޓްތަކުގެ ކޯޑިނޭޓްތައް ކަނޑައަޅައި، ބައުންޑަރީ މެޕްތަކާއި އެއާ ގުޅުންހުރި އިންސްޓްރޫމެންޓްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.
ރައީސް އޮފީހުން ވިދާޅުވީ މި އިދާރާގެ މަސައްކަތްތައް ޢަމަލީގޮތުން ފެއްޓެވުމަށް ޓަކައި ހަމަޖައްސަވަންޖެހޭ އިންތިޒާމުތަކާއި، އެ އިދާރާއަށް ހޯދަންޖެހޭ މުވައްޒަފުން ހޯއްދެވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.



