މި ސަރުކާރުގެ ދައުރުގައި މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަނުކުރެއްވި ތިންވަނަ ބޭފުޅާ ކަމަށްވާ ފަރުހަތު ޝަހީރު، އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ފަރުހަތު މަގާމުން އިސްތިއުފާ މި ދެއްވީ، މިފްކޯއިން ވިއްކާ މަސްދަޅުގެ އަގު ބޮޑުކުރި މައްސަލައިގައި ސަރުކާރާއި ކުންފުންޏާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
މިގޮތުން، މަސްދަޅުގެ އަގު ބޮޑުކުރީ ސަރުކާރަށް އެނގުމަކާ ނުލައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާއިރު، ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން މިފްކޯއިން ވަނީ އެ ނިންމުން ބަދަލުކޮށް އަގުތައް ކުރީގެ ހުރި މިންވަރަށް ތިރިކޮށްފައެވެ.
މިދިޔަ އަހަރުގެ މާރިޗު މަހު މިފްކޯއާ ހަވާލުވެވަޑައިގެންނެވި ފަރުހަތު އެ މަގާމަށް އައްޔަނުކުރީ، އޭގެ ކުރިން އެ މަގާމުގައި ހުންނެވި ބޭރުގެ ބޭފުޅެއް ކަމަށްވާ ޑރ. ވިޓަލީ ލިއުބިމޯވް މަގާމުން ވަކިކުރުމަށްފަހުގައެވެ.
ފަހަކަށް އައިސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެވެއެވެ.
އެގޮތުން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ އިތުރުން ބައެއް އިސް ވެރިން މަގާމުން ވަކިކޮށްފައިވާއިރު، އެމް.ޕީ.އެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވެސް ވަނީ ދާދިފަހުން މަގާމުން އިސްތިއުފާ ދެއްވާފައެވެ.





