އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ އިން އިސްނަގައިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކޮށްގެން ބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026 ގެ ވާދަކުރުމުގެ ބައިގައި އުފެއްދުންތައް ބައިވެރިކުރުމުގެ އުޞޫލު އާންމުކޮށް، މަޢުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނީމަޢުރަޒަކީ ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމަށާއި، ދިވެހި ފަންނުވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމަށް ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ބޭއްވޭ މަޢުރަޒެއް ކަމަށެވެ.
<އަދި މި މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެ ވުޒާރާއިން ބުނީ މި މަޢުރަޒާ ގުޅޭ އިތުރު މަޢުލޫމާތު ބީސީސީގެ ހޮޓްލައިން 3305555 އަށް ގުޅައިގެން ލިބޭނެ ކަމަށެވެ.
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު" ގެ ނަމުގައި މަޢުރަޒެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު 19 މޭ 2024 ގައެވެ. މި ނިންމެވުމުގެ ދަށުން ބޭއްވުނު އެންމެ ފުރަތަމަ އެކްސްޕޯ ބޭއްވީ މިދިޔަ އަހަރުއެވެ. މިދިޔަ އަހަރުގެ އެކްސްޕޯ ވެގެންދިޔައީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އެކްސްޕޯ އަށެވެ.





