ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީން އާންމުކޮށްފައިވާ ގަވާއިދުގައިވާ ގޮތުން ނެއިބަހުޑް ނުވައެއް ފިޔަވައި އެހެން ހުރިހާ ގޯތިތަކެއް އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 30.5 މީޓަރެވެ. އެއީ 10 ފްލޯ އެވެ.
އެކަމަކު އެގޮތަށް އިމާރާތްކުރުމުގެ ހުއްދަ ދޭނީ އިމާރާތުގެ ފަންގިފިލާތައް ބޭނުންކުރާނެ ގޮތުގެ މަތިން ކަމަށް ވެސް ގަވާއިދުގައިވެ އެވެ. ހުޅުމާލޭގައި މިހާރު އަމިއްލަ ފަރާތްތަކަށް އެންމެ އުސްކޮށް ވެސް އިމާރާތް ކުރެވެނީ ހައެއްކަ ފްލޯއަށެވެ.
ގަވައިދުގައި ބުނާ ގޮތުން، ހުޅުމާލޭގެ ނެއިބަހުޑް ނުވައެއްގައި އިމާރާތްކުރެވެނީ، 18.5 މީޓަރާ ހަމައަށެވެ. މިގޮތުން، އެ ސަރަހައްދުގައި ހަދާ އިމާރާތްތަކުގެ އުސްމިން ކަމަށް ބަލާނީ، ޕޭމަންޓް ލެވެލުން ފެށިގެން ރޫފްބީމްގެ މަތީ ކައިރިއާ ހަމައަށް ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން، ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި ކުރާ އިމާރާތްތަކުގެ ޑިޒައިން އެޕްރޫވަލްއާއި އިމާރާތްކުރުމުގެ ހުއްދަ ހޯދަންޖެހޭނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށެވެ. އެ ކަމަށް އެދި ހުށަހަޅަންޖެހޭނީ އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
މިދިޔަ ސަރުކާރުގައި ވެސް ވަނީ ހުޅުމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ބަދަލު ގެނައުމަށް ވާހަކަތަކެއް ދެކެވިފަ އެވެ. އެކަމަކު އޭރު އެގޮތަށް ބަދަލުކޮށްފައެއް ނުވެ އެވެ. މި ސަރުކާރުން ވަނީ ވިލިމާލޭގައި އަޅާ އިމާރާތްތައް 10 ބުރިއަށް ނެގޭ ގޮތަށް މާލޭ ޕްލޭނިން ގަވާއިދު ވެސް ބަދަލުކޮށްފަ އެވެ




