އިޒްރޭލުން ބައިނަލްއަގުވާމީ މަސްލަޙަތު ނަގާލުމަށް ހިންގަމުންދާ އުދުވާނީ ޢަމަލުތައް ހުއްޓުވައި، ދުނިޔޭގައި ސުލްޙަ މަސަލަސްކަން ޤާއިމުކުރުމަށްޓަކައި ދުނިޔޭގެ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ދިވެހިރާއްޖޭން ގޮވާލައިފިއެވެ.
މިކަމަށް ރާއްޖޭން ގޮވާލާފައިވަނީ އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 61 ވަނަ ބައްދަލުވުމުގައި އިއްވި ބަޔާނުގައެވެ. ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އިއްވެވި މި ބަޔާނުގައި، ވިއެނާ ޑިކްލަރޭޝަނާ އެއްގޮތްވާ ގޮތުގެ މަތިން، ހުރިހާ އިންސާނީ ހައްގުތަކަކީވެސް އެއް ޙައްގު އަނެއް ޙައްގާ ގުޅިލާމެހިފައިވާ، ވަކިނުކުރެވޭނެ ޙައްގުތަކެއްކަން ފާހަގަކުރައްވައި، އެ އުސޫލުތަކަށް ރާއްޖޭން އަބަދުވެސް ފުރިހަމައަށް ތާއީދުކުރާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
ޔަހޫދީ އިސްރާއީލުން ސަރަޙައްދީ ހަމަޖެހުން ނަގާލުމަށް ހިންގާ ޖަރީމާތައް ހުއްޓުވުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ޑރ. ސަލްމާ އިލްތިމާސްކުރެއްވިއެވެ.
އަދި ދުނިޔޭގެ އަމާންކަމާއި ސުލްޙަ ދެމެހެއްޓުމަށްޓަކައި އެންމެހައި ޤައުމުތަކުން އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ޔަހޫދީ ދައުލަތުން މެދުއިރުމަތީގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް ހިންގަމުންދާ ނިރުބަވެރި ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދުގެ މަސްލަޙަތު ވަނީ ނުރައްކަލުގެ ތެރޭގައެވެ. ހާއްސަކޮށް ލުބުނާނާއި، ސީރިއާ، ޔަމަން އަދި އީރާނުގެ ސަރަޙައްދުތަކަށް ދެމުންދާ ހަމަލާތަކާއި، ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް މެދުނުކެނޑި ކުރިއަށްދާކަން މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.




