ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި މީގެ ހަތަރު އަހަރު ކުރިން ހިނގި ރަހުމުކުޑަ މަރުގެ މައްސަލާގައި ދައުވާ ލިބޭ ސާހިލް އަލީގެ މައްޗަށް ކުރާ ހުކުމް އަންނަ މަހު އިއްވުމަށް ކްރިމިނަލް ކޯޓުން ބުދަ ދުވަހު ނިންމައިފިއެވެ.
ޏ. ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މުހައްމަދު ސައީދު، އޮގަސްޓް 2022 ގައި މާލޭގެ އެޕާޓްމަންޓެއްގެ ތެރޭގައި މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދިން މައްސަލާގައި ފ. ނިލަންދޫ، ފިނިފެންމާގޭ ސާހިލްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވެއެވެ.
މި މައްސަލައިގެ ޝަރީއަތް އާންމުންނަށް ސިއްރުކޮށްގެން ކުރިއަށްގެންދާއިރު، މިއަދުގެ އަޑުއެހުމުގައި އޮތީ މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުމެވެ. ނަމަވެސް، ސާހިލްގެ ފަރާތުން އިތުރު ވަގުތަށް އެދުމާ ގުޅިގެން ކޯޓުން ވަނީ އެ ފުރުސަތު ދީފައެވެ.
"އަންނަ މަހުގެ ދެވަނަ ހަފްތާގައި ހުލާސާ ބަޔާން ހުށަހެޅުމާއި، ދެ ދައުވާއެއްގެ ހުކުމް އިއްވުން އޮންނާނެ،" ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މައުލޫމާތު ދެއްވިއެވެ.
ދައުލަތުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ސާހިލްއަށް ދައުލަތުގެ ހަރަދުގައި ހަމަޖައްސައިދިން ވަކީލުންނަށް އޭނާ އެއްބާރުލުން ނުދޭތީ، އިތުރަށް ވަކީލުން ހަމަޖައްސައިނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ.
މި ހާދިސާއަކީ އޭގެ އަނިޔާވެރިކަމުގެ ސަބަބުން މުޅި ރާއްޖެ ސިއްސުވާލި ހާދިސާއެކެވެ. އަންނަ މަހު އިއްވާ ހުކުމާއެކު މި މައްސަލައިގެ ޝަރުއީ މަރުހަލާގެ ބޮޑުބައެއް ނިމުމަކަށް އަންނާނެއެވެ.




