އަވައްޓެރި ސްރީ ލަންކާގައި ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭއިރު، އެ ގައުމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ދިވެހިރާއްޖޭގެ އިތުރުން ބޭރު ގައުމުތަކުގައި ބޭންކުގެ ގޮފިތައް ހުޅުވުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
އެގޮތުން އަވައްޓެރި ސްރީލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ގާއިމުކުރުމަށްޓަކައި ބޭނުންވާ ހުއްދަ ހޯދުމަށް އެ ގައުމުގެ މަރުކަޒީ ބޭންކަށް މިހާރު ހުށަހަޅާފައިވާކަން އޭނާ ހާމަކުރެއްވިއެވެ.
ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއިން ބޭރުގައި ބޭންކެއްގެ ގޮފިތައް ހުޅުވުމަކީ ގިނަ ކަންތައްތަކަކަށް ރިއާޔަތްކުރަންޖެހޭ ކަމެކެވެ. ޚާއްޞަކޮށް ބޭންކުގެ ރައުސުލްމާލު ވަރުގަދަވުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. ބީއެމްއެލްގެ ކެޕިޓަލް މިހާރު 16 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، ބައިނަލްއަގުވާމީ މާކެޓަށް ނުކުންނައިރު އެ އަދަދު މިހާރަށްވުރެ އިތުރުކުރަން ޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.
މާލީ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ބީއެމްއެލްއަށް 2.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %9.8 އިތުރު އަދަދެކެވެ. މީގެއިތުރުން، ބޭންކުގެ ޖުމްލަ މުދަލުގެ އަގު (ޓޯޓަލް އެސެޓްސް) ވަނީ 55.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.
ބީއެމްއެލްގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާރުވެސް 18 އަތޮޅެއްގައި 42 ބްރާންޗާއި، 179 ސެލްފް ސާވިސް ބޭންކިންގ ސެންޓަރު މެދުވެރިކޮށް ޚިދުމަތް ދެމުންދާކަން ފާހަގަކުރެވެއެވެ.




